ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން އޮޅުވާލުމުގެ ތެރެއިން މުދާ ހޯދި މައްސަލާގައި 100 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާފައިވާ ހުސައިން ޝިފާއުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނު ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
މިއީ ބޭރުގެ އެކި ކުންފުނިތަކަށް ފޭކު ޓީޓީތަކެއް ފޮނުވައިގެން ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރި މައްސަލައެކެވެ. މި މައްސަލާގައި ދައުލަތުން އުފުލި 23 ދައުވާއެއް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އެވެ.
އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ސައްހަ ނޫން ލިޔެކިޔުން އުފެއްދުމުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ.
ކްރިމިނަލް ކޯޓުގެ މި ނިންމުން ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، އޭނާ ވަނީ އިސްތިއުނާފީ މައްސަލަ ނިމެންދެން ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ނުވަތަ ކަފާލާތުގެ ދަށުން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ފަދަ ގާނޫނީ އެއްވެސް ބިނާއެއް ނެތް ކަމަށެވެ. އަދި ކަފާލާތުގެ ދަށުން މިނިވަންކުރުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާކަން ޝިފާއުގެ ފަރާތުން ސާބިތުކޮށްދެވިފައި ނުވާތީ، ގޭބަންދަށް ބަދަލުކޮށްދެވެން ވެސް ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާއިލް ޝަފީއުގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

