ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ އިސްލާހު ހުށަހެޅީ ސަރުކާރު އަޑީގައި އޮވެގެން: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެއްކަމަށާއި، ބިލު ހުށަހެޅުމުގެ އަޑިގައި އޮތީ ސަރުކާރުކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަން ހިންގަންވާނީ ލާމަރުކަޒީ ނިޒާމަކުން ކަމަށާއި، އެންމެހައި ބާރުތަކުގެ އަސްލަކީ ރައްޔިތުން ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކުރާ ކަމަށެވެ. ނަމަވެސް މި ބިލުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ އެ ބާރުތައް ހަނިވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އިސްލާހު ފާސްވެއްޖެ ނަމަ، ރަށު ކައުންސިލްތަކަށް އޮންނާނެ ހަމައެކަނި މަސްއޫލިއްޔަތަކީ ވިހާމަރުވާ ތަފާސްހިސާބު ބެލެހެއްޓުން އެކަނިކަމަށް ވިދާޅުވި އެވެ.

މައުރޫފް ތުހުމަތު ކުރެއްވި ގޮތުގައި މި ބިލަކީ ސަރުކާރުން އަޑީގައި އޮވެގެން، ލާމަރުކަޒީ ނިޒާމު އޭގެ އަސްލުން ބޭރުކޮށް ފުނޑުފުނޑުކޮށްލުމަށް ހީލަތްތެރިކަމާއެކު ފަރުމާކޮށްފައިވާ ބިލެކެވެ. ބިލުގައިވާ ގޮތުން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއެއް ހިންގުމަށް ބޭނުންވާ ނަމަ، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރެވޭނެއެވެ. އަދި ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްނުވި ނަމަވެސް، ސަރުކާރުން ބޭނުންވާ ހާލަތެއްގައި ބިން ދޫކުރަން ލާޒިމުވެއެވެ.

މި އިސްލާހުގެ ދަށުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއެއް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހުތިސާސްގައިވާ ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދެއެވެ. އަދި ކެބިނެޓުން އެގޮތަށް ނިންމައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކައުންސިލަށް އެންގުމުން، އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.

މީގެ އިތުރުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްވެ އަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުމާއި، މަޝްރޫއުތައް ހުއްޓޭފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އާންމު މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލަރުން ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެ ބޭފުޅުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމަކަށް ހެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: