ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.
ވަޒީރު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ކުރެއްވި ސުވާލުގައި ވަނީ ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް އޮތްތޯއެވެ.
މި ސުވާލުގެ ޖަވާބުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެތަންތަނުގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ މަންފާ ހޯދުމަށްޓަކައި އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޚާއްސަކޮށް ސަލާމަތީ ޚިދުމަތްތަކުގެ އަގުވައްޓާލުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވިއެވެ. ”އެކަންކަމަކީ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތަސް އެތަން ތަނުގެ އިއްޒަތާއި ކަރާމާތް އަދި އަބުރު ނެގެހެއްޓެން ޖެހޭނެ ތަންތަން. އަދި ވަކިން ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާއި ދިވެހި ސިފައިންގެ ޚިދުމަތް ފަދަ ސަލާމަތީ ޚިދުމަތްތައްދޭ ދިވެހި ރައްޔިތުން އެ ޚިދުމަތަކަށް ކޮންމެ ހާލަތެއްގައިވެސް ބަލަބަލާ ތިބޭ ޚިދުމަތްތަކެއް. އެތަން ތަނުގެ ކަރާމާތާއި ރައްކާތެރިކަން އަދި ވަކިން ޚާއްސަކޮށް އެތަން ތަނަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،“ އިޙްސާން ވިދާޅުވިއެވެ.
މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ތަންތަނަށް ޤާނޫނީ ގޮތުން އަދި އެކަށީގެންވާ ރައްކާތެރިކަން ދެވިފައި ނެތް ކަމަށެވެ. އެހެންކަމުން، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްދިނުމަށް ވަޒީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

