ރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެކަމަށްވުމާއި އެކު، މާލޭގައި ސިޓީ ކައުންސިލެއް އޮންނަން ނުޖެހޭކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ހުސައިން މިހެން ވިދާޅުވި ގޮތުގައި މާލެއަކީ ނިއުޔޯކް ނުވަތަ ލަންޑަން ފަދަ ބޮޑު ސިޓީއެއް ނޫނެވެ. އެހެންކަމުން، އެފަދަ ބޮޑެތި ސިޓީތަކުގައި އޮންނަ ފަދަ ބާރުގަދަ ކައުންސިލް މޮޑެލްއެއް ރާއްޖޭގައި ހިންގުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މިސާލަކަށް ސިޓީ ކައުންސިލް ބާއްވައިގެން ލަންޑަނަށް ހަދާފައި، ޕޮލިސް ޕޯސްޓް ސިޓީ ކައުންސިލާ ހަވާލުކުރަން ކެރޭނެތޯ؟ އެކަމެއް ނުވާނެ. އެހެންވެ އެ ބޭފުޅުން އެކަމެއް ނުކުރާނެ
އަލީ ހުސައިން ވިދާޅުވީ، ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް ނުވަތަ ސިޓީ ކައުންސިލެއް އޮވެފައި، އެ ރަށެއްގެ ބިން ހިންގުމަށް ވަކި ކުންފުންޏެއް ނުވަތަ ކޯޕަރޭޝަނެއް ހަދައިގެން ހިންގުމުގެ މޮޑެލް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގައި ”ސިޓީތަކެއް“ އޮންނަން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި އޮންނަންވާނީ އަތޮޅުތަކާއި ވެރިކަންކުރާ ރަށް މާލެކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތަކުގައި އޮންނާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް. އަދި އަތޮޅު ކައުންސިލް އޮންނަންވާނެ. އެކަމަކު މާލެއަކީ ވެރިކަންކުރާ ރަށް ކަމަށްވާތީ، މާލޭގައި ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭ
އަލީ ހުސައިން ވިދާޅުވީ، އާ ސިޓީއެއް އިއުލާނުކުރާއިރު އާބާދީގެ ވަކި އަދަދެއް ހަމަވާންޖެހޭނެކަމަށް ބުނި ނަމަވެސް، އެކަމުގައި އެއްވެސް ސާފު މިންގަނޑެއް ނެތް ކަމަށެވެ. މިސާލެއްގެ ގޮތުން ގދ. ތިނަދޫ ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، ތިނަދޫގެ އަސްލު ދިރިއުޅޭ އާބާދީއަށް ބަލާއިރު، އެ ރަށުގައި ތިބި ބިދޭސީންނާއި އެހެން ރަށްރަށުން ހިޖުރަކޮށްފައިވާ މީހުންނާއެކު އާބާދީ އެތައް ހާހަކަށް އަރާނެ ކަމަށެވެ. އެހެންކަމުން އާބާދީ ހަމަނުވާ ކަމަށް ބުނެ ދައްކާ ވާހަކަ ހަމަނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީއެއް ހެދުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެއީ ބޭންކުތަކާއި، ޓާޝަރީ ހޮސްޕިޓަލްތައް ފަދަ ހިދުމަތްތައް ހުރުން. ނަމަވެސް މިހާރު ހުރި ސިޓީތަކަށް ބަލާއިރު، ފުވައްމުލަކުގައިވެސް ޓާޝަރީ ހޮސްޕިޓަލެއް ނެތް މިތާކު ލާމަރުކަޒީ ނިޒާމެއް އެއްވެސް ބަޔަކު ހިންގާކަށް ނޫޅޭ. މިއީ ހަމައެކަނި ވޯޓު ހޯދަން ދައްކާ ވާހަކައެއް. އެހެން ނޫންނަމަ، ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ހިންގަމުން އައި އިންޖީނުގެތައް އަތުލައި، މާލެ ސަރުކާރުގެ ދަށަށް ގެންގޮސް، ފެނަކައާއި ސްޓެލްކޯގެ ދަށަށް ބަދަލެއް ނުކުރީސް
އޭނާ ފާހަގަކުރެއްވި ގޮތުގައި ކެންދޫގައިވެސް 1994 ނުވަތަ 1995 ހިސާބުގައި ރައްޔިތުން އަމިއްލައަށް ކަރަންޓުގެ ޚިދުމަތް ދެމުން ދިޔައެވެ.
އަލީ ހުސައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއަކީ ފާޅުގައި މަރުކަޒީ ނިޒާމަށް ވަކާލާތު ކުރައްވާ ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީން ލާމަރުކަޒީ ވާހަކަ ވަރަށް ގަދައަށް ދެއްކި ނަމަވެސް، އެ ޕާޓީގެ ވެރިކަމުގައިވެސް އަތޮޅުތަކުގެ މާލޭގައި ހުރި ފިހާރަބަރިތައް އަތޮޅުތަކާ ހަވާލުނުކުރި ކަމަށާއި، ހުޅުމާލޭގެ ބިންތައް މާލެ ސިޓީ ކައުންސިލާ ހަވާލުނުކުރިކަމަށް ވިދާޅުވިއެވެ.

