ކުޅުދުއްފުށީ ރީޖަލަނަލް ހޮސްޕިޓަލުގައި އަންހެނަކު ވިހެއި ދަރިފުޅު، އޭނާއާ ހަވާލުނުކޮށް، އޭނާގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެޗްއާރްސީއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ދަރިފުޅު ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން އެ ކޮމިޝަނުން ގެންދަނީ ބަލަމުން ކަމަށް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި އަންހެން މީހާގެ އާއިލާގެ މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެ އަންހެން މީހާ ވިހެއުމަށްފަހު އޭނާއާ ކުއްޖާ ހަވާލުނުކޮށް ހޮސްޕިޓަލުން ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ އާއިލާއަށް ސިއްރުކުރި ކަމަށް ބުނެފައިވެއެވެ.
އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަށާއި ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައިގެން އޭނާގެ ނުރުހުމުގައި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން މިކަމާ ގުޅިގެން ބުނެފައިވަނީ ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށާއި އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
އެ ޕޯސްޓު އާންމުވުމުން ގިނަ ބަޔަކު ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށް ކަމާ ބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބު ސާފުކުރަން ދިޔައީ އެދެމުންނެވެ.

