ބޭންކް އޮފް މޯލްޑިވްސްއިން، މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި އަހަރު ބޭންކް ފަންޑަށް ހޮވުނު ފަސް މަޝްރޫޢަކީ މުޖުތަމައަށް ފައިދާހުރި ތަފާތު ދާއިރާތަކަށް އަމާޒުކޮށްފައިވާ މަޝްރޫޢުތަކެކެވެ.
އެގޮތުން ހއ. ދިއްދޫގައި ”ދިއްދޫ ކުރިމަގު“ ޖަމިއްޔާއިން ޑިޖިޓަލް ތަޢުލީމާއި އައު އީޖާދުތަކަށް ހާއްސަ ’ހައިވް‘ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ހޮވިފައެވެ. އަދި ށ. ފުނަދޫގެ މާމުލި ކުޅި އާލާކޮށް، އެ ސަރަހައްދުގައި ’މާމުލި އިކޯ ޕާކް‘ ތަރައްގީކުރުމަށް ޔުނިޓީ ސްޕޯޓްސް އެކަޑަމީން ހުށަހެޅި މަޝްރޫއު ވެސް ވަނީ ހޮވިފައެވެ.
މީގެ އިތުރުން، ލ. ފޮނަދޫ އަދި ގަމުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް ”ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް“ ގާއިމުކުރުމަށް ލާމު ފާމަރސް އެސޯސިއޭޝަނުން ހުށަހެޅި މަޝްރޫއާއި، ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް ”މޭކަރ ސްޕޭސް“ އެއް ގާއިމުކުރުމަށް ބްލޫ ގިލްޑް ފައުންޑޭޝަނުން ހުށަހެޅި މަޝްރޫއު ވެސް މިއަހަރުގެ ފަންޑަށް ވަނީ ހޮވިފައެވެ.
ފަސްވަނަ މަޝްރޫއެއްގެ ގޮތުގައި ހޮވުނީ ލ. ކަލައިދޫ ބަނދަރު ސަރަޙައްދުގައި ”ކަލައިދޫ ވިންގްސް ހިޔާ“ ނަމުގައި ފެރީއަށް މަޑުކުރާ ސަރަޙައްދަކާއި ލައިބްރަރީއެއް ހިމެނޭ މަރުކަޒެއް ތަރައްގީ ކުރުމަށް ”ކަލައިދޫ ވިންގްސް“ އިން ހުށަހެޅި މަޝްރޫޢެވެ.
ބޭންކް ފަންޑަކީ ކޮންމެ އަހަރުވެސް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް މަޝްރޫއަކަށް، ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.
ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުމެވެ. މި ފަންޑުގެ ދަށުން މިހާތަނަށް ޖުމްލަ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މީގެ ކުރިން ހިންގި ކޮމިއުނިޓީ ފަންޑް ގެ ދަށުން 100 ޕްރޮޖެކްޓަކަށް ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

