ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 18،000 އަށް ވުރެ ގިނަ މުވައްޒަފުން ނަގާފައިވާކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އެ މީހަކު ސިޔާސީ ގޮތުން ގެންގުޅޭ ފިކުރަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ބަލައި ވަކިކުރުމަކީ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރުމަށް، ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ސުވާލުގެ ޖަވާބު ދެއްވައި ޒަރީރު ވިދާޅުވީ، ސަރުކާރު ބަދަލުވުމާ ގުޅިގެން ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާތީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ނިންމުމަށް ކުންފުނިތަކުގެ ވެރިންނަށް ސަރުކާރުން އަންގާފައި ނުވާނެކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 5 އަހަރު ނިމުނުއިރު އެ އަދަދު ވަނީ 36،729 އަށް އިތުރުވިކަމަށް ޒަރީރު ވިދާޅުވި އެވެ. ޒަރީރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެސްއޯއީތަކަށް އަލަށް 18،053 މުވައްޒަފުން ނަގާފައި ވެއެވެ.
ޒަރީރު ވިދާޅުވީ 2024 ވަނަ އަހަރު ފެށުނު ފަހުން މިދިޔަ މަހުގެ ނިޔަލަށް އިތުރު 4،938 މީހުން ކުންފުނިތަކުގެ ވަޒީފާތަކަށް ވައްދާފައިވާ ކަމަށެވެ. މިއާއެކު މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ޖުމްލަ އަދަދު ވަނީ 41،667 އަށް އަރާކަމަށް ޒަރީރު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަރީރު ވިދަޅުވީ ގައުމުގެ އިގްތިސާދީ ދުވެލި ކުރިޔަށް ގެންދިއުމަށް، ކުންފުނިތައް ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައި ރައިޓްސައިޒް ކުރަންޖެހޭ ކަމަށެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަޒީފާ އަދާކުރާ އާބާދީގެ 53 ޕަސެންޓަކީ ޕަބްލިކް ސެކްޓާގެ މުވައްޒަފުންނެވެ. މިއީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި އެކަށީގެންވާ އޮނިގަނޑެއް ނޫންކަން ފާހަގަކުރައްވައި، ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީއާ އެއްވަރަށް ހިންގުން ބައްޓަންކުރުމަށް މިނިސްޓްރީން ސިޔާސަތުތައް އެކަށައަޅަމުންދާކަމަށް ޒަރީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ކުންފުނިތަކުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ތެރެއަށް ވަދެ، ވަކި މީހަކު ވަޒީފާއިން ވަކިކުރުމަށާއި މުވައްޒަފުން މަދުކުރުމަށް މިނިސްޓްރީން ވަކި ގޮތަކަށް އަންގާފައި ނުވާނެކަމަށް ޒަރީރު ވިދާޅުވި އެވެ.

