ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީން އުފެއްދި ދިފާއީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލްފް އޮފް އޭޑަން އާއި ބާބް އަލް މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފައްދާފައިވާ ބައިނަލްއަގުވާމީ ދިފާއީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

”ޗާޓާ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ގައި ދިވެހިރާއްޖެއިން ބައިވެރިވެ، ސޮއިކޮށް، އެ މުއާހަދާ ތަސްދީގުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކޮށް، ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.

އެ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވާން ފެންނަ ކަމަށް ވޯޓު ދެއްވީ 58 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ހަ މެމްބަރަކު ވޯޓު ދެއްވިއިރު، އެ ކޯލިޝަނުގައި ބައިވެރިވާން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެމްބަރެވެ.

ޖުލައި މަހުގެ 30 ގައި ސައުދީން އިސްނަގައިގެން އުފެއްދި އެ ދިފާއީ ކޯލިޝަނުގެ ބޭނުމަކީ އިންޑިއާ ކަނޑުން ސުއެޒް ކެނަލް މެދުވެރިކޮށް މެޑިޓެރޭނިއަން ކަނޑަށް ދަތުރުކުރެވެން އޮންނަ މަގު ކަމަށްވާ، ގަލްފް އޮފް އޭޑަން އާއި ބާބް އަލް މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ. އަދި ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ މުހިންމު ސަރަހައްދުން ދަތުކުރުމުގެ މިނިވަންކަމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ.

14 ގައުމަކުން ބައިވެރިވާ އެ ދިފާއީ ކޯލިޝަނުގައި ސައުދީގެ އިތުރުން ތުރުކީ، މިސްރު، ޕާކިސްތާން، ބަންގްލަދޭޝް، ޔަމަން، ކުވެއިތު، ބަހްރޭން، ގަތަރު، އުރުދުން، ޖިބޫތީ، ސޯމާލިއާ، ސޫދާން އަދި ކޮމޯރޯސް ހިމެނެއެވެ. އެ ކޯލިޝަނުގެ އަމާޒުތަކަށް އެއްބަސްވާ ގައުމުތަކުން ކޯލިޝަނުގައި ބައިވެރިވުމަށް ހުރަހެއް ނޯންނާނެ ކަމަށް ސައުދީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ކޯލިޝަނުން ކުރަން އެއްބަސްވާ ކަންކަމުގެ ތެރޭގައި ރަތް ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކޮށް، ކަނޑުމަތީގައި ތަމްރީނުތަކާއި އޮޕަރޭޝަންތައް ހިންގުން ހިމެނެއެވެ. ކޯލިޝަނުގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސައުދީގެ ރިއާ އެޑްމިރަލް އަބްދުﷲ ބިން ސަލެމް އަލް ޝެހްރީއެވެ.

އެ ކޯލިޝަން އުފައްދާފައި މިވަނީ އިރާނު ހަނގުރާމައިގެ ސަބަބުން ހޮރުމޫޒު ކަނޑޮއޮޅި ބަންދުވެ ތެލާއި ގޭސް އެކްސްޕޯޓުކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅި، ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައި ވަނިކޮށެވެ. ހޮރުމޫޒު ކަނޑުއޮޅިއެކޭ އެއްގޮތަކަށް ބާބް އަލް މަންދަބް ކަނޑުއޮޅިން ވެސް ބައިނަލްއަގުވާމީ ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: