ބޮލީވުޑްގެ ތަރި ގޯވިންދާގެ ފިލްމުތަކެކޭ އެއްފަދައިން، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޑްރާމާ ވެސް އަނެއްކާވެސް ބޮޑު ސްކްރީނުން ފެންނަ ވަރަށްވުރެ ހޫނުވެ، މުޅި މީޑިއާގައި ގަދައަށް ގޮވަން ފަށައިފިއެވެ. ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ އަހޫޖާގެ 40 އަހަރުވީ ކައިވެނީގެ ތެރެއަށް މިފަހަރު ވެއްޓިގެން މި އުޅެނީ އާދައިގެ ބޮމެއް ނޫނެވެ.
މި ހުރިހާ ހަލަބޮލިކަމެއް ފެށުނީ ގޯވިންދާގެ އައު ފިލްމު ”ރޫޕާ“ ގެ ބަތަލާ ކޯމަލް ރާނީ ސުވަރްންކަރް އާއެކު އެއާޕޯޓުން ފެނުނު ހިސާބުންނެވެ. އުމުރުން ދުވަސްވީ ”ހީރޯ ނަންބަރު ވަން“ ޒުވާން ބަތަލާއަކާއެކު އެކި ތަންތަނުން ފެންނަން ފެށުމުން ސޯޝަލް މީޑިއާގެ ވާހަކަތައް އޮތީ ހައްދުފަހަނައަޅާފައެވެ.
މި ވީޑިއޯތަކާ ގުޅިގެން ސުނީތާއާ ސުވާލުކުރުމުން، ވަގުތުން ރުޅިގަދަވެގެން ގޮސް، ސުނީތާ ވަނީ ގޯވިންދާއަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. ސުނީތާ ބުނި ގޮތުގައި އެ ފެންނަ ބަތަލާއަކީ އެމީހުންގެ ދަރިއެއްގެ އުމުރުގެ ކުއްޖެކެވެ. އެވަރުން ނުފުދިގެން، ފިރިމީހާއަށް މަލާމާތްކޮށް ގޯވިންދާއަކީ މިހާރު ”ބުއްދި ފިލައިފި“ ކަމަށް ބުނެ މީޑިއާގެ ކުރިމަތީގައި ގޮވާލިއެވެ.
އަނބިމީހާގެ މި ހޫނު ބަސްތަކަށް ގޯވިންދާ ވެސް މަޑަކުން ނީނދެ ރައްދު ދިނެވެ. ގޯވިންދާ ބުނީ، އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މަގުމައްޗަށް ނުނެރެ، އަމިއްލަ ”އިމުގެ ތެރޭގައި“ ހުރުމަށް ސުނީތާއަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި އައު ބަތަލާގެ ދިފާއުގައި ވާހަކަ ދައްކަމުން، ފިލްމީ ދާއިރާއަށް އަލަށް ވަންނަ ޒުވާން ކުދިންނާ ގުޅުވައިގެން މިފަދަ ދޮގު ވާހަކަތައް ދައްކައިގެން އެމީހުންގެ އަގުވައްޓާނުލުމަށް ވެސް އެދުނެވެ. މިއީ ހަމައެކަނި މަސައްކަތުގެ ގުޅުމެއް ކަމަށާއި، މީހުން ސަމާލުކަން ދޭންވީ އޭނާގެ ފިލްމުތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މިއީ މި ދެމަފިރިންގެ މެދުގައި މިފަދަ އަޑުގަދަ ކޯޅުމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2025 ވަނަ އަހަރު ވެސް ވަރިވާން އުޅޭ ކަމުގެ އަޑުތައް އެރި ނަމަވެސް ފަހުން ސުލްހަވީ ކަމަށް ބުންޏެވެ. އަދި 2026 ގައި ވެސް ސުނީތާ ވަނީ ގޯވިންދާގެ ”ބޭރު ގުޅުންތަކުގެ“ ވާހަކަ ދައްކައި، ދިރިއުޅުމުގެ ތަކުލީފުތައް ހާމަކޮށްފައެވެ.
ކޯމަލްއާ ދެމެދު އެއްވެސް ލޯބީގެ ގުޅުމެއް އޮތްކަމުގެ ހެއްކެއް ނެތް ނަމަވެސް، މި ޒަމާންވީ ދެމަފިރިންގެ މި އަރާރުމާއެކު ސާފުވާ އެއްކަމެއް އެބައޮތެވެ. ގާތްގަނޑަކަށް ސާޅީހަކަށް އަހަރުވީ ކައިވެންޏަކަށް ފަހުވެސް، ގޯވިންދާ އާއި ސުނީތާގެ ދިރިއުޅުމުގެ ޑްރާމާތައް ހަމައެކަނި ފިލްމީ ސްކްރީނަށް ނުފެތޭ ކަމެވެ!

