ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީހުގެ ތެރެއިން: ޗެންގް އީ ސާއޯ، ތާރީޚު ދުށް އެންމެ ބާރުގަދަ ކަނޑުތަކުގެ ރާނީ

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕައިރޭޓްސް ނުވަތަ ކަނޑުފޭރޭ މީހުންގެ ވާހަކަ ދެކެވޭއިރު ގިނަ ބައެއްގެ ހިޔާލަށް އަންނަނީ ކަނޑުތަކުގައި ބިރުވެރިކަން އުފައްދަމުން ދިޔަ ނުރައްކާތެރި ފިރިހެނުންތަކެއްގެ ސިފައެވެ. ނަމަވެސް، ތާރީހުގެ ސަފުހާތަކުން ފެންނަން އޮތް ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ކަނޑުފޭރޭ ލަޝްކަރުގެ ވެރިޔަކީ އަންހެނެކެވެ. އެއީ 1800 ގެ އަހަރުތަކުގެ ކުރީކޮޅު ޗައިނާގެ ކަނޑުތައް ތުރުތުރުއަޅުވާލި ޗެންގް އީ ސާއޯ އެވެ. އޭނާގެ ހިތްވަރުގަދަކަމާއި، ރޭވުންތެރިކަމުގެ ސަބަބުން އޭނާ ވެގެންދިޔައީ ތާރީހުގައި ފާހަގަކޮށްލެވޭ ”ކަނޑުތަކުގެ ރާނީ“ އަށެވެ.

ޗައިނާގެ ގުއަންގްޑޮންގަށް އުފަންވި ޗެންގް އީ ސާއޯ، ކަނޑުފޭރޭ ލަޝްކަރެއްގެ ވެރިއަކަށް ވުމުގެ ކުރިން މަސައްކަތްކުރީ ފެންމަތީގައި ހަދާފައި ހުރި ނާސިގީއެއްގައެވެ. ނަމަވެސް، 1801 ވަނަ އަހަރު ބާރުގަދަ ކަނޑުފޭރިއެއް ކަމަށްވާ ޗެންގް އީ އާ ކުރެވުނު ކައިވެންޏާއެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. މި ދެމަފިރިން ގުޅިގެން ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ވަރުގަދަ ޖަމާއަތެއް އުފެއްދިއިރު، އެ ލަޝްކަރުގައި އެތައް ސަތޭކަ އުޅަނދަކާއި އެތައް ހާސް ފަޅުވެރިންނެއް ހިމެނުނެވެ.

ދެމަފިރިންގެ ބާރު ގަދަވަމުން ދަނިކޮށް، 1807 ވަނަ އަހަރު ޗެންގް އީ ކުއްލި ގޮތަކަށް މަރުވިއެވެ. ގިނަ ބަޔަކު ހީކުރީ އެ ޖަމާއަތް ރޫޅިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، އެންމެން ހައިރާންކޮށްލުމަށްފަހު ޗެންގް އީ ސާއޯ އެ ޖަމާއަތުގެ ފުރިހަމަ ކޮންޓްރޯލް ނެގިއެވެ. އަދި އޭނާގެ އިތުބާރު ހުރި ކޮމާންޑަރު ޗިއުންގް ޕޯ ސާއީ އާއެކު މަސައްކަތްކޮށް ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި އޭނާގެ މަގާމު އިތުރަށް ވަރުގަދަކުރިއެވެ.

ޗެންގް އީ ސާއޯ އަކީ ހަމައެކަނި އުޅަނދުފަހަރަށް ހަމަލާދިން މީހެއް ނޫނެވެ. އޭނާ ވަނީ ފަޅުވެރިންނަށް ވަރަށް ހަރުކަށި އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅައި އެ އުސޫލުތަކާ ހިލާފުވާ މީހުންނަށް ހަރުކަށި އަދަބުތައް ދީފައެވެ. މި ހަރުދަނާ ލީޑަޝިޕްގެ ސަބަބުން އޭނާގެ ބާރުގެ އެންމެ އުސްމިނުގައި ގާތްގަނޑަކަށް 1،800 އުޅަނދާއި 70،000 އެއްހާ މީހުން އޭނާގެ ދަށުން މަސައްކަތް ކުރަމުން ދިޔައެވެ.

އޭނާގެ ބާރުގަދަކަމުން ޗައިނާ ސަރުކާރަށް ވެސް އޭނާ ބަލިކުރުމަކީ ނުވާވަރުގެ ކަމަކަށް ވިއެވެ. އިނގިރޭސިވިލާތާއި ޕޯޗުގަލްގެ އަސްކަރީ ބާރުތައް ގުޅިގެން މަސައްކަތް ކުރި ނަމަވެސް އޭނާގެ ލަޝްކަރު ބަލިކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް 1810 ވަނަ އަހަރު، ގެއްލުން ބޮޑު ހަނގުރާމައެއް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ޗައިނާ ސަރުކާރުން ހުށަހެޅި އާންމު މަޢާފަށް އެއްބަސްވެ އޭނާ ކަނޑުފޭރުން ހުއްޓާލިއެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ހޯދާފައިވާ ބޮޑު މުއްސަނދިކަން އަމިއްލައަށް ބެހެއްޓުމުގެ ފުރުސަތު ވެސް ލިބުނެވެ.

ކަނޑުފޭރުން ދޫކޮށްލުމަށްފަހު، އެހެން ކަނޑުފޭރޭ މީހުންނާ ޚިލާފަށް އޭނާއަށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ނުވަތަ ފަގީރުކަމުގައި އުޅޭކަށް ނުޖެހުނެވެ. އޭގެ ބަދަލުގައި އޭނާ ވޭތުކުރީ ހިމޭން، އަމާން ދިރިއުޅުމެކެވެ. ޗެންގް އީ ސާއޯ މަރުވީ 1844 ވަނަ އަހަރު، އުމުރުން 69 އަހަރުގައެވެ. ޗެންގް އީ ސާއޯގެ ހަޔާތަކީ އާދައިގެ ދިރިއުޅުމަކުން ފަށައި ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް ގޮންޖަހާލި ވަރުގަދަ އަންހެނެއްގެ ވާހަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: