އަންސްކިލްޑް ބިދޭސީންނަށް އެއް ސިމް ކާޑަށް ވުރެ ގިނައިން ދޫ ނުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.
ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.
އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން އާދީއްތަ ދުވަހު ވަނީ ނިންމަވާފައެވެ.
ބިދޭސީންނަށް މި ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމެވިއިރު، ރާއްޖޭގައި އެންމެ ދުވަސްވީ ބޮޑު އެއް މައްސަލައަކީ ނުގަވައިދުން އުޅޭ ބިދޭސީން ގިނަވުމެވެ. އެގޮތުން ބިދޭސީން ރެގިއުލަރައިޒްކޮށް ނުވަތަ ގަވައިދަށް ފެއްތުމަށް މި ސަރުކާރުން ވަނީ ބޮޑު މަޝްރޫއެއް ފަށައިފައެވެ.
އެ މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނުގަވައިދުން އުޅޭ ބިދޭސީން އަތުލައިގަނެ، ޑީޕޯޓް ވެސް ދަނީ ކުރަމުންނެވެ.

