އިނގިރޭސިވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ދުނިޔޭގެ މަޝްހޫރު ޒުވާން ދީނީ އިލްމުވެރިޔާ އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުހެއް މިރޭ 20:30 ގައި ގަލޮޅު މަދަރުސާގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ދަރުސް ކުރިން ބޭއްވުމަށް އިއުލާނުކޮށްފައި އޮތީ ކިންގް ސަލްމާން މިސްކިތުގައެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މިރޭ 20:30 ގައި މި ދަރުސް ކުރިއަށްދާނީ ގަލޮޅު މަދަރުސާގައެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި އަގުހުރި އިލްމީ ދަރުސް، ސަންގު ޓީވީ މެދުވެރިކޮށް ވަގުތުން (ލައިވްކޮށް) ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އުސްތާޒް އަބޫ ތައިމިއްޔާއަކީ ޒަމާނީ ވިސްނުމާއި ސައްހަ އިސްލާމީ ތައުލީމު ގުޅުވައިލައްވައިގެން މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ދެއްވާ އަސަރުގަދަ ނަސޭހަތްތަކާއި އިލްމީ ދަރުސްތަކުގެ އިތުރުން ސުވާލާއި ޖަވާބުގެ ސެޝަންތައް ކުރިއަށްގެންދެވުމުގައި އުސްތާޒް ގެންގުޅުއްވާ ފަސޭހަ އަދި ޝައުގުވެރި އުސްލޫބުގެ ސަބަބުން، މިއަދު އޭނާ ވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ދާއީއަށެވެ.
އުސްތާޒް އަބޫ ތައިމިއްޔާ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަނީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މަހަލްދީބު ފައުންޑޭޝަނުން ”އެންލައިޓަން“ ގެ ނަމުގައި އިންތިޒާމުކޮށްގެން އޮގަސްޓް 19 އިން 27 ގެ ނިޔަލަށް ކުރިއަށްގެންދާ ނުވަ ދުވަހުގެ ދީނީ އަދި ތައުލީމީ ޕްރޮގްރާމެއްގައެވެ. މި ދަތުރުފުޅުގެ ތެރޭގައި އާންމު ދަރުސްތަކާއި، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ބާއްވާ ހާއްސަ ސެޝަންތަކާއި، ޒުވާނުންގެ ބައްދަލުވުންތަކާއި، އަންހެނުންނަށް ހާއްސަ ޕްރޮގްރާމަކާއި ހުކުރު ޚުތުބާ ދެއްވުން ހިމެނެއެވެ. މީގެ އިތުރުން ދިވެހި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންގްތައް މާލޭގައި ކުރިއަށްދާނެއެވެ.
މާލޭގެ ޕްރޮގްރާމްތަކަށްފަހު، އޮގަސްޓް 23 ގައި އުސްތާޛް އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރެއްވުމާއި އާންމު ދަރުސެއް ދެއްވުން އޮންނާނެއެވެ. އަދި އޮގަސްޓް 25 ގައި ފުވައްމުލައް ސިޓީއަށް ވަޑައިގެން، ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަ ސެޝަންތަކަކާއި އާންމު ދަރުސެއް ދެއްވުމަށްވެސް ވަނީ ރޭވިފައެވެ. މި ހަރަކާތްތައް ކުރިއަށްދަނީ އިސްލާމިކް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީ، އައިޔޫއެމް، އެމްއެންޔޫ އަދި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކުގައެވެ.
ޔަމަނުން ފެށިގެން މަދީނާއާ ހަމައަށް ތައުލީމީ ދަތުރު ފުރިހަމަކުރައްވައި، މިއަދު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގައި ދީނީ މައުލޫމާތު ފަތުރުއްވަމުން ގެންދަވާ މިފަދަ އިލްމުވެރިއެއްގެ ނަސޭހަތްޕުޅުތައް މިރޭ ގަލޮޅު މަދަރުސާއިން އަދި ސަންގު ޓީވީން އަޑުއަހާލުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް އަގުހުރި ފުރުސަތެކެވެ. އުސްތާޒް އަބޫ ތައިމިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަންނަވާނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.

