ހއ. ފިއްލަދޫ އުތުރުކޮޅުގައި އެ ރަށާ ގުޅިފައި އޮންނަ ދައްޕަރުގައި ފަތުރުވެރިކަމުގެ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
ފިއްލަދޫ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނުގައިވަނީ، އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައްޕަރުގެ 226.13 ހެކްޓަރު ޓޫރިޒަމްއަށް ތަރައްގީކުރާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެ މަޝްރޫއުގެ ބިޑް ކާމިޔާބުކުރާ ފަރާތަކަށް ދައްޕަރުގެ އެ ބިން 50 އަހަރުގެ މުއްދަތަކަށް ލިބިގެންދާނެއެވެ. ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރާތާ 36 މަސް ދުވަސް ނުވަތަ ތިން އަހަރު ތެރޭގައި ޓޫރިޒަމަށް ތަރައްގީކޮށް ނިންމަންވާނެއެވެ.
އެ މަޝްރޫއަށް ކުރިމަތިލުމަށް ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ މަޝްރޫއުގެ ބިޑަށް ކުރިމަތިލެވޭނީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާއި ބޭރުގެ އިންވެސްޓްމެންޓުތަކަށް ކަމަށް އިއުލާނުގައިވެއެވެ.
ބިޑްތަކަށް ކުރިމަތިލުމާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ، admin@filladhoo.gov.mvއަށް އީމެއިލްކުރުމަށް ނުވަތަ ކައުންސިލުގެ ނަމްބަރު 6500023 އަށް ގުޅުމަށް ފިއްލަދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދައްޕަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރިއަލް އެސްޓޭޓް ޓޫރިޒަމަށް ތަރައްގީކުރަން ނިންމި ސަރަހައްދެކެވެ. އެ މަޝްރޫއު ހިންގަން އެ ސަރުކާރުގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ދައްޕަރު ފިއްލަދޫގެ އިހުތިސޯސުން ވަކި ވެސް ކުރިއެވެ.
ނަމަވެސް އެކަމާ ދެކޮޅު ހަދައި ”ސޭވް ދައްޕަރު“ގެ ނަމުގައި އެ ރަށުގެ ބަޔަކު ކެމްޕޭނެއް ފަށައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށް، އެ އަހަރުގެ އޮކްޓޯބަރު މަހު އެ ނިންމުން އަނބުރާ ގެންގޮސް ދައްޕަރު އަނބުރާ ފިއްލަދޫގެ އިހްތިސާސްގައި ހިމެނިއެވެ.

