މި ރަމަޟާން މަސް، އަޅުގަނޑުމެންނާއި މަރުޙަބާކިޔާއިރު ޤައުމުގެ ހާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޤައުމުގެ އަހުލުވެރިން މިވަނީ ބިރުވެރިކަމެއްގެތެރޭގައެވެ. ޤައުމުގެ އިޤްތިޞާދު މިވަނީ ހީނަރުވާން ފަށާފައެވެ. ކޮވިޑް-19 އިގެ އަސަރުތައް މިދަނީ، އެކި ސިފަސިފައިގައި ކުރަމުންނެވެ. ރޭދުވާ ވޭތުވަނީ، އޭގެ ނަޒަރުން ވަކިނުވެވޭ ހާލުގައެވެ.
ދަންނާށެވެ. މިއީ އަދި ކުޑަ މިންވަރެކެވެ. ދުނިޔޭގެ ކަންކޮޅުތަކާ އަޅައިބަލާއިރު ކުޑަ މިންވަރެކެވެ. މިއަދު އަޅުގަނޑުމެން ކުދި ކިޔަމެވެ. އެއްޗެހި ކިޔަމުއެވެ. ޒުވާބު ކުރަމުއެވެ. ރުޅިގަދަވަމުއެވެ. ކީއްވެތޯއެވެ. ބޭނުންހައި ގޮތައް ކަންކަން ނުވާތީއެވެ. ދަންނަވަންތޯއެވެ. ބޭނުންހައި ގޮތްގޮތަށް ކަންކަންވާކަށް މިއަދަކު ނެތެވެ. ހިތްރުހޭ ގޮތްގޮތަށް އުޅެވޭކަށް މިއަދަކު ނެތެވެ.
ޒަމާން ތިބާއަށް ކިޔަމަންކުރުވަން ނޫޅޭށެވެ. ޒަމާނަށް ތިބާ ކިޔަމަންވާށެވެ. އެހެނީ، ކިތަންމެ ގޮތެއް ހެދިޔަސް ޒަމާން މަޑެއްނުކުރާނެއެވެ. ތިބާގެ ފުލުން، ތިބާ ބޭނުންވާ މިސްރާބަށް ހާލަތުގެންދަން ނޫޅޭށެވެ. ހާލަތަށް ތިބާ ރުހޭށެވެ. ފަހެ، ހާލަތެއް މެދުވެރިވުމުން ތިބާއަށް އޮތީ އެ ކަމަށް ރުހި ޤަބޫލުވުމެވެ. ނިޔާކުރައްވައިފި ހާލަތެއް ތިބާއަށް ބަދަލެއް ނުކުރެވޭނެއެވެ. ތިބާ އެދުންތަކަށް ބޯނުލަނބާށެވެ. އެދުންތައް ތިބާ މައްޗަށް ކިޔަމަންކުރާށެވެ. ފަހެ، އެންމެ އެދުމަކާއެކު، މިއަދު ތިބާ ގެއިންނިކުމެއްޖެނަމަ، އެ އެދުމަކީ ތިބާގެ ފަހުވަގުތަށްދެވޭ ދަޢުވަތަށްކަށް ވެސް ވެދާނެއެވެ.
މިއަދު ތިބާ ޖެހިލުންވެއެވެ. ހާސްވެއެވެ. ކަންބޮޑުވެއެވެ. ބިރުގަނެއެވެ. ހިތާމަކުރެއެވެ. ކޮވިޑް-19 އާއި ހެދިއެއްނޫނެވެ. އަދި ކީއްތޯއެވެ. ތިބާގެ ގެއިން ކާއެއްޗެހި ހުސްވެދާނެތީއެވެ. ތިބާގެ އަހުލުން ބަނޑަށްޖެހިދާނެތީއެވެ. މި ގޮތުން، ކިތަންމެ ބަޔަކު ގެއަށް ނުތަކާވަރަށް ކާބޯތަކެތީގެ އޭތިމީތި ގަނެ ގޭގައި ގުދަންކޮށްފިއެވެ. ހިތާމައަކީ، މި ގޮތަށް ކާބޯތަކެތި ގުދަންކުރިއިރު، އަނެކުންގެ މަތިން ހަނދާންނެތަތީވެއެވެ. އެއަށްވުރެ ބޮޑު ހިތާމައަކީ، ތިބާ ނިމިގެންދާއިރު އެއިން ޒައްރެއްގެ މިންވަރު ވެސް ތިބާއަށް ނުގެންދެވޭނެކަމެވެ.
ވިސްނާށެވެ. މިއަދު އެތައް އިންސާނުންނެއް ބަނޑުހައިހޫނުކަން ތަޙައްމަލުކުރަމުން އެބަދެއެވެ. ބަނޑުހައިހޫނުކަމުގައި އެތައް އިންސާނުން، މި ދުނިޔެއާއި އަލްވަދާޢުކިޔަމުން އެބަދެއެވެ. ބަނޑުހައިހޫނުކަމުގައި އެތައް ކުދިންނެއް، މި ދުނިޔެ ދޫކުރެއެވެ. އެހެނަސް ތިބާގެ ހާލަތުހުރީ އެފަދައިންތޯއެވެ. އޭގެތެރެއިން ބައެއް ކުދިން މި ދުނިޔެ ދޫކޮށްދަނީ، މީރު ކާއެއްޗެއް ލޮލަށް ނުފެނި ހުރެއެވެ. ސާފު ފެންފޮދަކުން އަރުތެރެ ތެންމައިލަން ނުލިބި ހުރެއެވެ. އެހެނަސް ތިބާގެ ހާލަތުހުރީ އެ ފަދައިންތޯ ވިސްނައިލާށެވެ. ބަނޑު ފުރެންދެން ތިބާ މީރު އެއްޗެހި ކައެވެ. ބަނޑުފުރި ބަނޑަށް އުނދަގޫވާވަރަށް ތިބާ މީރު އެއްޗެހިކައެވެ.
ސާފު ފެން ވެސް ތިބާ ބޮއިހަދައެވެ. އޭގެ އިތުރަށް ދުވާލަކު އެތައް ލީޓަރެއްގެ ފެން ތިބާ އެކިއެކި ކަންކަމުގައި ބޭނުންކުރެއެވެ. އަޅެ ފަހެ މިއީ ދޮގެއްތޯއެވެ.
ނަމަވެސް ތިބާ ކާބޯތަކެތި އިސްރާފުކުރެއެވެ. ސާފުފެން އިސްރާފުކޮށް ފެނުގެ ކޯރުތައް ހަދައިލައެވެ. ކުނިވެގެން ގޮސް ހަލާކުވިޔަސް، އެއިން ޒައްރެއްގެ މިންވަރު މީހަކަށް ނުދެއެވެ. އަދި ކީއްތޯއެވެ. ތިބާ ބަލަނީ އެއިން ކުނިގޮނޑަށް ކާންދެވޭތޯއެވެ.
ދެންއޮތީ ވިޔަފާރިވެރިޔާއެވެ. މި ރާއްޖެއަށް ދިމާވާ މި ފަދަ ކޮންމެ ދަނޑިވަޅަކަށް ބައެއް ވިޔަފާރިވެރިން ތިބެނީ ބަލަބަލައެވެ. ހީވާ ކަހަލައެވެ. ވިޔަފާރީގެ އެންމެ ރަނގަޅު މޫސުންއައީއެވެ. އެ ގޮތުން ބަލާއިރު މި ފެންނަނީ، މުދަލުގެ އަގު އަތްނުފޯރާފަށަށް މައްޗަށް ޖައްސައިލާތަނެވެ. އެ އެއްޗެއްގެ އަގަށްވުރެ އެތައް ގުނައެއް އިތުރުކޮށްލާތަނެވެ.
ތެދެކެވެ. މިއަދު އަގުބޮޑު ކުރެވިދާނެއެވެ. އެހެނެއްކަމަކު ވެރި ރައްބުގެ ހަޟްރަތުގައި، އެ ވިޔަފާރިވެރިޔާގެ އަގުބޮޑެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. އެ ވިޔަފާރިވެރިއެއްގެ މުދާ ހިނދުކޮޅެއްގެތެރޭގައި ވަޔާ ބުރައިގެންދާ ކުނޑިތަކެއް ފަދައިން ވެދާނެތެވެ. ނަހަމަގޮތުގައި ކުރާ ވިޔަފާރިއަކުން މުއްސަނދިވުމަށްވުރެ، ފަޤީރުކަން ވެސް މާ ރަނގަޅެވެ.
އެންމެހައި އަޚުންނާއި އުޚުތުންނޭވެ. މި މައްސަރުގެ ދަރުމަ ހެޔޮގޮތުގައި ލިބިގަންނާށެވެ. އިސްވެ މި ދެންނެވި ކަންކަމަށް ސަމާލުކަންދީ ނަފުސު އިސްލާޙުކުރެވޭތޯ މަސައްކަތްކުރާށެވެ. އަޅުގަނޑުމެންނާއި ކުރިމަތިވެފައި މިވަނީ ކޮވިޑް-19 އިގެ ހަނގުރާމައެވެ. މި ހަނގުރާމައިން ރައްކާތެރިވުމަށް މި މާތް މައްސަރުގައި ގިނައިން ދުޢާކުރާށެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުން މި ބަލި ފިއްލަވައި، މުޅި ދުނިޔެއަށް ”ދުޅަހެޔޮކަން“ ދެއްވާނެއެވެ.

