ރާއްޖޭއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް އިތުރު 1.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެހޭދަ ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ކޮވިޑް ފެތުރުމާ އެކު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް ހަރަދުތައް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މި ހާލަތު ދިގުދެމިގެންދާ ނަމަށް މިހާރަށްވުރެ ކުރަން ޖެހޭ ހަރަދުތައް އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓްގައި ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ 1.7 ބިލިއަން ރުފިޔާ އެވެ.
ސިއްހީ ދާއިރާ އަށް މި ވަގުތަށް ހިނގާ ހަރަދުތަކުގެ ތެރޭގައި ހުޅުމާލޭގައި ގާއިމް ކުރާ 300 އެނދުގެ އައިސީޔޫ ފެސިލިޓީ އަށް 53.5 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގުމަށް ޚަރަދުވާ 45 މިލިއަން ރުފިޔާ އާއި ރާއްޖެ އަށް އެތެރެވެވޭ ދިމާތަކުގައި ބަލި ދެނެގަތުމުގެ ގޮތުން ގާއިމްކޮށްފައިވާ ނިޒާމަށް ޚަރަދުވާ 9 ލައްކަ ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން މީހުން އައިސޮލޭޓް ކުރުމަށާއި ކަރަންޓީނު ކުރުމަށް 595 މިލިއަން ރުފިޔާ އާއި ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެހީވުމަށް 37 މިލިއަން ރުފިޔާ، ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް 660 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރީން ހާމަކޮށްފައިވެއެވެ.
އިތުރަށް ޚަރަދު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހޯދުމަށް 84 މިލިއަން ރުފިޔާ އާއި އިންސިޑެންޓް 26 ކޮމާންޑް ޕޯސްޓަށް 14.6 މިލިއަން ރުފިޔާގެ އިތުރުން ނިކަމެތިންނަށް އެހީވުމަށް ތިން މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އެ ޚަރަދުތަކަށް އެކަނިވެސް1.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. ސިއްހީ ދާއިރާ އަށް 1.6 ބިލިއަން ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އިރު ބޭރުގެ މާލީ އިދާރާތަކުން 3.3 ބިލިއަން ރުފިޔާ ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

