އޯވަޑްރޯ ކުރުމަކީ ދިވެހި ރުފިޔާ ޗާޕުކޮށްގެން ނެރުން ނުވަތަ ބްލޭންކް ޗެކެއް ދިނުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް އޯވަޑްރޯއެއް ހަދަން މަޖިލީހަށް ފޮނުވުމުން، ބައެއް މެންބަރުން އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމުން އެކަމަށް ރައްދު ދެއްވައެވެ.
ފިނޭންސް މިނިސްޓަރުގެ ސިޓީއާ ގުޅިގެން، ފިނޭންސް މިނިސްޓަރަކީ އެމްޑީޕީ މީހަކަށް ވިޔަސް ދައުލަތުގެ ރިޒާވުން ބްލޭންކް ޗެކެއް ނުދެވޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ. އަދި މިވަގުތަކީ މަޖިލީހުން އާދަޔާ ހިލާފަށް ފާރަވެރިވާން ޖެހޭ ވަގުތެއް ކަމަށާއި ފިނޭންސް މިނިސްޓަރަށް ބެލޭންކް ޗެކެއް ދިނުމަކީ މަޖިލީހުން ކަން ކުރަންވާނެ ގޮތް ނޫން ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މިވަގުތަކީ މުޅިން ތަފާތު ހާލަތެއް ކަމަށެވެ. އެހެންވުމުން އޯވަޑްރޯ ކުރުމަކީ ބްލޭންކް ޗެކެއް ދިނުމެއް ނުވަތަ ފައިސާ ޗާޕު ކޮށްގެން ނެރުމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ދަރަންޏަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. ގެ އިސްތިސްނާއަކަށް އެދުނީ ޕަބްލިކް ބޭންކް އެކައުންޓް އޯވަ ޑްރޯ ލިމިޓް އިތުރު ކުރަން. މިހާރު މިއީ އާއްމު ހާލަތެއް ނޫން ހާއްސަ ހާލަތެއް. ގާނޫނުގައި އޮތް ގޮތުން އޯވަޑްރޯ ކުރެވޭނީ 200 މިލިއަން ރުފިޔާ. އޯވަޑްރޯ ކުރި ނަމަވެސް ހާލަތު ރަނގަޅުވުމުން ފައިނޭންސިން އިތުރު ކުރާ މިންވަރުން ޕަބްލިކް ބޭންކުން އެކައުންޓް ޖަމާ ކުރަމުން ގެންދާނެ،“ އަމީރު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައިވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ދައުލަތް ހިންގުމާއި ސިއްޙީ ކަންކަމަށް ޚަރަދު ކުރުމަށް މިހާރުން 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށްވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ލިމިޓް 4.2 ބިލިއަން ރުފިޔާއަށް މަތިކޮށްދިނުމަށް ވަނީ އެދިފައެވެ.

