މާލޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެފައިވާ، ކޮރޯނާ ވައިރަސްއަށް މާލެއިން އިތުރު 12 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 128 އަށް އަރައިފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ. އެއީ މިރޭ ފެނުނު 12 ކޭސްއާއި އެކުއެވެ.
މިއަދު ހެނދުނު ބައްޔަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ދެ ދިވެހިންނާއި، ދެ ބަންގްލަދޭޝް މީހުން، އަދި އިންޑިއާ، ސްރީލަންކާއަށް ނިސްބަތްވާ އެކަކު އެވެ. އަދި އޭގެ ތޭރޭގައި އުމުރުން ދުވަސްވީ ދިވެއްސެއް ވެސް ހިމެނެއެވެ.
ފަހުން ޕޮޒިޓިވްވީ 12 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މަންމައާ ބައްޕަވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް، މިރޭގެ ޕޮޒިޓިވް ކޭސްތަކުގެ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
އިއްޔެ އަކީ އެއްދުވަސް ތެރޭގައި މާލެ އިން އެންމެ ގިނަ މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވީ ދުވަހެވެ. އިއްޔެ ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދަކީ 25 އެވެ.

