މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ވަންނާނާނެ ތަނެއް ނެތި ނުވަތަ ތިބޭނެ ތަނެއް ލިބިފައި ނެތް 128 މީހަކަށް ސަރުކާރުން ގާއިމް ކޮށްފައިވާ ވަގުތީ ހިޔާތަކުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް އިމަޖެހްސީ ސެންޓަރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރުވެސް ސަރުކާރުން ގާއިމް ކޮށްފައިވާ ވަގުތީ ހިޔާތަކުގައި 83 މީހުން އެބަތިބި ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ ސްޓާފުންގެ ގޮތުގައި ހިމެނޭ ހަތް މީހުންނާއި، ޖަލުން ދޫކޮށްލެވި ވަންނާނެ ތަނެއް ނެތް 11 މީހުންނާއި، ކުލި ނުދެއްކިގެން ގެއިން ބޭރުކުރުމުން ވަންނާނެ ތަނެއް ނެތް ދެ އާއިލާއެއްގައި ހިމެނޭ ހަ މީހުންނާއި، އަދި ލޮކްޑައުންއާއި ހިސާބަށްއައިރު ވެސް ވަންނާނެތަނެއް ނުލިބި ތިބި 16 މީހުންގެ އިތުރުން ބޭސްފަރުވާއަށް އައިސް ރަށަށް ނުދެވި ތިބި 14 މީހުން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިުތުރުން ސިއްހީ ބޭނުމަށް ނޫން އެހެން ބޭނުމަށް މާލެއައިސް ތިބި ނުވަ މީހުންނާއި، އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތިވެފައިވާ 20 މީހުން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ވަންނާނެ ތަނެއް ނެތް އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެ މައުލޫމާތެއް ޖެންޑަރ މިނިސްޓްރީއާއި ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

