ލޮކްޑައުންގެ ހާލަކީ، ބަލި ހުރި މިންވަރު ދެނަގަތުމަށް ލިބޭ ފުރުސަތެއް ކަމަށާއި އަދިވެސް އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު މާލެ ތެރެއިން ފެންނަމުން ޓްރޭސް ނުވެ ހުރި ކޭސްތަކެއް ކަމަށެވެ. އަދި ފިޔަވަޅުތައް ވަރުގަދަވެފައި އެއަށް އަމަލު ކުރެވިއްޖެ ނަމަ ބަދަލުތަކެއް އަދަދުތަކުން ފެންނާނެ ކަމަށެވެ. އަދި މިއަދު ފެނުނު ކޭސްތަކުގެ ކްލަސްޓާތައް ކޮންޓެކްޓް ޓްރޭސްގައި ދެނެގަނެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
ޑރ. އިބްރާހިމް ވިދާޅުވީ އަދިވެސް އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމަށް އާއްމުންވެސް ސަމާލުވެ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށް އިލްތިމާސް ކުރެއްވިއެވެ.
މި މަހުގެ 15 ވަނަ ދުވަހު، މާލޭގައި އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނި ހަފްތާއަކަށް ވުރެ ގިނަ ދުވަސްތައް ފާއިތުވެގެންދިޔައިރު ދުވަހުން ދުވަހަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. ވައިރަހުގެ އަލާމާތްތައް ފެންނަން ފަށާނީ އެ މީހެއްގެ ގަޔަށް ވައިރަސް އެތެރެވާތާ 14 ދުވަސްތެރޭގައި ކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ މި މުއްދަތުގައި އޭނާގެ ގައިން އަލާމާތެއް ނުފެނިވެސް ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް، އެ މީހެއްގެ ގައިން އެހެން މީހުންނަށް އޭގެ އަސަރުކުރަމުންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މި ދުވަސްވަރު އެންމެ މުހިންމީ އެއް އިމާރާތެގައި އާއިލާތައް އުޅުނު ނަމަވެސް އެއްވުންތައް ނުބޭއްވުންކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ. ބަލި ފެތުރުމުގެ ފުރުސަތު މި ދުވަސްވަރު ބޮޑެވެފައިވާތީ އެންމެންވެސް ވީހާވެސް އެކަހެރިކޮށް އުޅުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލެ ލޮކްޑައުން ކުރި ނަމަވެސް އާއްމު ހާލަތަކަށް ދާން ދުވަސްތަކެއް ނަގާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އާއްމު ސާފުތާހިރުކަމާއި ގައިދުރުކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ މަސްތަކެއް ވަންދެން ކޮރޯނާ ވައިރަސް އުޅޭނެކަމަށް ބެލެވޭއިރު ކުރިން އުޅެމުން އައި ގޮތަށް އަނެއްކާވެސް ދިރިއުޅުން ބަދަލުކޮށްފިނަމަ އަނެއްކާވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
”މިހާރު ލޮކްޑައުންގެ ހާލަތުން އަޅުގަނޑުމެން ސަލާމަތްވެ، ނުވަތަ އެކަން ނިމިގެންދާއިރުވެސް އަދި ވަރަށް ދުވަސް ނަގާނެ އެންމެ އިހުގެ ދިރިއުޅުމަށް އަނބުރާ ދާން. ދުވަސްތަކަކަށް އަޅުގަނޑުމެންޖެހޭނެ ކޮވިޑް އާއި އެކީ ދިރިއުޅެން ދަސްކުރަން. މާނައަކީ ކޮވިޑްގެ ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެންނަން ޖެހޭނެ.“ ޑރ. އަފްޒަލް
އަބަދު ރަށެއް ލޮކްޑައުން ހާލަތެއްގައި ނުބޭއްވޭނެކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ނެގުމަށްފަހު ވެސް ދިރިއުޅުން އޮންނަން ޖެހޭނީ ކުރިން އޮތް ގޮތަކަށް ނޫން ކަމާށެވެ. ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއެއް ގެނައުމުގެ ބޭނުމަކީ ބަލި ފެތުރުން ހުއްޓުވުން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުން ދެނެގަތުން ކަމަށެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނުމާއި އެކު، މާލެ ލޮކްޑައުން ހާލަތަކަށް ގެނައި ކުއްލިގޮތަކަށެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު މާލެއިން ގިނަ ބަޔަކު ފުރައިގެން ރަށްރަށް ދިޔައެވެ. އަދި ގިނަ މީހުން ދަތުރުފެށީ، މާލެއިން ވައިރަސް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެލްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރުމާއި އެކުއެވެ. އަދި ބައްޔަށް ޕޮޒިޓިވް ވި މީހާގެ ގިނަ ކޮންޓެކްޓުންތަކެއް ވެސް ރަށްތަކަށް ދިޔައެވެ.
މާލެ ލޮކްޑައުން ކުރިތާ ހަފްތާއެއް ވީ ނަމަވެސް، އަދި ފެންނަމުންދަނީ ބެކްލޮގް ކޭސްތައްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ، ބަލި ޖެހިފައި ހުންނަތާ ދުވަސްވެ އެހެން ނަމަވެސް ނުފެނި ހުރި ކޭސްތަކެވެ. މާލޭގައި ކޮރޯނާ ވައިރަސް އުޅޭތާ ދެ ތިން ހަފްތާ ވެދާނެކަމަށް އެޗްޕީއޭއިން ލަފާ ކުރެއެވެ. އެހެން ކަމުން، ލޮކްޑައުންގެ އަސަރު ފެންނަން ފަށަން އަދި އިތުރު ދެ ހަފްތާއެއް ނަގާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި އޭގެ ކުރިން ޕީކެއް އަންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ލޮކްޑައުންއަށްފަހު އެކަކު އަނެކަކާއި ބައްދަލުވުމުގެ ފުރުސަތު ނޯންނާނެތީ، މީގެ ރަނގަޅު އަސަރު ފެންނަން ފަށަން ދުވަސްތަކެއް ވާނެކަމުގައި ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

