މާލެ ކައިރިން ލޯންޗަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލައިގެން ދިޔަ ދޯނި، ހާދިސާ ހިނގިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މިއީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ، އެއްވަނަ ފާލަމާ ދިމާ ބޭރު ކަނޑުމަތީގައި ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލަ އެވެ. މި ހާދިސާއަށް ފަހު ދޯނި މަޑުނުކޮށް ފިލައިގެން ދިއުމުން، ފުލުހުން ވަނީ އެ އުޅަނދު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، ދޯނި ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން ދަނިކޮށް، ފެނިފައި ވަނީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮއްވައިކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އިރުއޮއްސުނުހާއިރު އެ އުޅަނދު ދެނެގަނެވުމުން، ފުލުހުން ވަނީ އެ ދޯނި ބަލައިފާސްކޮށް، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ދޯނީގެ ކެޕްޓަނާ ސުވާލުކޮށް، އޭނާގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ލޯންޗުގެ އެއްފަޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭގައި ދަތުރުކުރި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

