ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން، ވިހެއުމާއި ބޭސްފަރުވާ ފަދަ ދިގު މުއްދަތުގެ ޗުއްޓީތައް ނެގުމުން މުސާރައިގެ ކުރިއެރުން ނުލިބޭ މައްސަލައަށް ހައްލެއް ގެނައުމަށް ކަމާބެހޭ އުސޫލަށް ސިވިލް ސަވިސް ކޮމިޝަން (ސީއެސްސީ) އިސްލާހުތަކެއް ގެނެސްފި އެވެ.
ސީއެްސސީން ނެރުނު ސާކިއުލާގައި ވަނީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާ އުސޫލުގެ 3 ވަނަ މާއްދާއަށް ޖުމްލަ 6 އިސްލާހެއް ގެނެސްފައެވެ. އެގޮތުން ކުރިން އޮތް ގޮތުން މުސާރައިގެ ކުރިއެރުން ލިބެނީ ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދައިގެންނެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއިއެކު، ވިހެއުމުގެ ޗުއްޓީ ނުވަތަ ބޭސްފަރުވާ ފަދަ ކަންކަމާ ގުޅިގެން ހިދުމަތަށް މެދުކެނޑުމެއް އައި ނަމަވެސް، އެ މުއްދަތަށްފަހު ފުރިހަމަވާ ދެ އަހަރުގެ އެޕްރައިޒަލް މާކްސް އެއްކޮށް ބަލައިގެން ކުރިއެރުން ލިބޭނެ އެވެ.
މީގެއިތުރުން، މިއަހަރުގެ ޖެނަވަރީ މަހު ސީއެސްސީން ގެނައި އިސްލާހުގެ ދަށުން، މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބިގެންދާނެއެވެ. އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ލަސްވުމުގެ ސަބަބުން ކުރިއެރުން ދިނުން ލަސްވި ނަމަވެސް، ހައްގުވާ ތާރީހުން ފެށިގެން ނުލިބި ހުރި މުސާރަ ފަހުން އެއްކޮށް ލިބިގެންދާނެކަމަށް ސީއެސްސީން އާންމު ކުރި އުސޫލުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ސިވިލް ސާވިސް މުވައްޒަފުން ބަދަލުކުރުމާ ގުޅިގެން މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލު އެންމެ ފުރަތަމަ އެކުލަވާލައި އާންމުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި އުސޫލުގެ ދަށުން މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ބަލަނީ ”މަގާމުގެ އެލަވަންސް“ ގެ އެއް ހަރުފަތުން އަނެއް ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ.
އުސޫލުގައިވާ ގޮތުން، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެވޭނީ ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާއިރު އެކަމަށް ބޭނުންވާ ހަރަދު އަންދާޒާކޮށް ހިމަނައިގެންނެވެ. އަދި ބަޖެޓުގައި ނުހިމެނޭ ހާލަތްތަކުގައި ކުރިއެރުން ދެވޭނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިޔުމުން ހޯދައިގެންކަމަށް ގަވާއިދުގައި ވެއެވެ.

