ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތުތަކަށް ބަދަލަކަށް ފަހު ބަދަލެއް: އިގްތިސާދު މެނޭޖުނުކުރެވެނީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ލިބޭ އެތައް ބަޔަކު މަނީ އެކްސްޗޭންޖުތައް ބޭނުންކޮށްގެން ބޭރު ފައިސާ ގަނެ ވިއްކާ ކަމަށާއި އެ ފަރާތްތަކަށް އެ ކުރެވެނީ، ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއިރު، ހީވީ މިއީ މުޅިން އާ މައުލޫމާތެއް ހެންނެވެ. ގާނޫނުން މަނާ ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި ހިނގާކަން އެއް ދުވަހު އިރު އަރައިގެން އައި ގޮތަށް ހަމަ ކުއްލިއަކަށް ސަރުކާރަށް ރެއަކާލި ހެންނެވެ.

ޕެރެލަލް މާކެޓުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ވެސް ޑޮލަރު ގަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން އެއްބަސްވެވަޑައިގެންފައި ވާއިރު، ކުރިން ވެސް ހިނގަމުން އައި ކަމެއް ސަރުކާރަށް ކުއްލިއަކަށް ފާހަގަވެ، ޑޮލަރުން އާމްދަނީ ލިބެމުންދިޔަ ދިވެހި އެތައް ރައްޔިތުންނެއް ނިދާފައި ހޭލިއިރު، އެ މީހުން މަނީ ލޯންޑާކުރާ މުޖުރިމުންތަކަކަށް ވެއްޖެއެވެ.

މި ވާހަކަތައް މިއަދު ދައްކަމުން ދަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ސަބަބުން ޑޮލަރު މަދުވެ، ސަރުކާރަށް މެނޭޖުނުކުރެވި، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެން ފެށުމުން، އެކްސްޗޭންޖުތައް ހުއްޓުވައި ބޭންކު ރޭޓަށް ޑޮލަރުގެ އަގު ގެނައުމުގެ ބޭނުމުގައެވެ. އިގްތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ސަރުކާރުން ކޮންޓްރޯލުކުރުމުގެ ބޭނުމުގައެވެ. އެމްއެމްއޭގެ ގާނޫނުގެ ދަށުން ކުރިން ވެސް އެ އޮތޯރިޓީގެ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ މާރުކުރުމަކީ މަނާ ކަމަކަށް ވާއިރު، އެ ރޭޓާ ހިލާފަށް މަނީ އެކްޗޭންޖުކުރާ ތަންތަން ހުއްޓުވައި، ގާނޫނު ތަންފީޒުކުރާ ވާހަކަ ދައްކަމުން މިދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި އެއާއެކު ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް އެކަމުގެ ތަކުލީފު ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

މި އަހަރަކީ ރާއްޖޭގެ ތާރީހުގައި ބޭރުގެ ދަރަނި ޑޮލަރުން އެންމެ ގިނަ އަދަދަކަށް ދައްކަން ޖެހުނު އަހަރެވެ. އެގޮތުން މިހާތަނަށް 1.3 ބިލިއަން ޑޮލަރު ދައްކާފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް އޮތީ މި އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާގޮތަށް ތާވަލުކޮށްފައެވެ. ނަމަވެސް، އެކަމަށް ދުރާލައި ރޭވުމެއް ނެތި، ދައުރުގެ ކުރީކޮޅު ޑޮލަރުން ބޮޑެތި އިސްރާފުތަކެއް ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކުރެއެވެ. އޭގެ ތެރޭގައި، ޑްރޯނާއި އަސްކަރީ އާލާތްތައް ގަތުމާއި އެތައް ލައްކައިން ޑޮލަރު ރާއްޖެއިން ބޭރުވާ ގޮތަށް ރަސްމާލެ ހިއްކަން ފެށުން ހިމެނެއެވެ. ދައުލަތުގެ މާލީ ހާލަތު އޮތް ގޮތް ރަނގަޅަށް ވަޒަން ނުކުރެވި، ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ރަސްމާލޭގެ އަންޑަވޯޓާ ޓަނަލް ފަދަ ބިޔަ ބޮޑެތި މަޝްރޫއުތައް ވެސް އިއުލާނުކުރައްވަމުންނެވެ.

ޒަރޫރީ ބޭނުމެއް ނެތް އެ ކަންކަމަށް މިލިއަނުން ޑޮލަރު ހަރަދުވެގެންދިޔައިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދުވަހަކަށް ފަހު ދުވަހެއް ދިޔައީ މީހުން އިތުރުކުރަމުންނެވެ. އިންތިހާބުތަކާ ދިމާކޮށް ކުންފުނިތަކަށް އެތައް ހާސް ބަޔަކު ވައްދަމުން ދިޔައިރު، ދައުލަތުގެ ހަރަދު ދިޔައީ ބޮޑުވަމުންނެވެ.

މި އަހަރުގެ އޮގަސްޓް 13 އާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 27.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 24.5 ބިލިއަން ރުފިޔާ ނުވަތަ އާމްދަނީގެ 90 ޕަސެންޓު ހަމައެކަނި ސަރުކާރު ހިންގުމުގެ އެކި ހަރަދުތަކަށް ކުރަން ޖެހިފައިވެއެވެ. ސަރުކާރުގެ ކުރީކޮޅު އެޅި ފިޔަވަޅުތަކުގެ ސަބަބުން ހަރަދުތައް ބޮޑުވެ، ދެކޮޅު ޖައްސަން ދަތިވާން ފެށުމާއެކު އިންތިހާބުތަކަށް ބަހާލި އެތައް ހާސް ވަޒީފާތަކުން މީހުން ވަކިކުރަން މިހާރު ފަށައިފިއެވެ. ކުންފުނިތަކުން 14،700 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކުރަން ޕީސީބީން ހުރިހާ ކުންފުނިތަކަށް އަންގާފައިވާއިރު، މިއީ އެތައް ސަތޭކަ ގޭބިސީއެއްގެ އާމްދަނީއަށް ސީދާ އަސަރުކުރާނެ ކަމެކެވެ. އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާއިރު ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމައެއް ވެސް ނުކުރެއެވެ.

ހަރަދުތައް ދެކޮޅު ޖައްސަން ފައިސާ ޗާޕުނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން، ޑޮލަރުން ބޮޑު ދަރަންޏެއް ދައްކަމުން ދަނިކޮށް، ހަރަދު ދެކޮޅު ޖައްސަން ދަތިވުމުން، ފައިސާ ޗާޕުކުރުމާ ހަމަ އެއް ނަތީޖާއެއް ނުކުންނަ ގޮތަށް ޕެންޝަން ފަންޑުގައި ހުރި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިގްތިސާދުގެ ތެރެއަށް ނެރުމާއެކު، ދިވެހި ފައިސާގެ ސަޕްލައި އިތުރުވެ، ޑޮލަރުގެ އަގު އުފުލިއްޖެއެވެ. ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބޭންކުތަކުން ވެސް ދަރަންޏަށް ފައިސާ ނަގަންޖެހިފައިވާއިރު، އެ ފައިސާ ވެސް މުސާރައާއި އެހެނިހެން ގޮތްގޮތުން އިގްތިސާދުގެ ތެރެއަށް ދައުރުވެ، ދިވެހި ރުފިޔާ ދައުރުވާ މިންވަރު ވަނީ އިތުރުވެފައެވެ.

މި ސަރުކާރު ފެށުނު އިރު، ގާތްގަނޑަކަށް 17.50 ރ. ގައި ހުރި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ހިފެހެއްޓުމެއް ނެތި މައްޗަށް އަރަމުންދިޔަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވީ 20ރ. އަށް ވުރެ މައްޗަށް ނާރާނެ ކަމަށެވެ.

ބޮޑު ދަރަންޏެއް ދައްކާފައި ޑޮލަރު އޮބިއަޅުވަން ވެސް ސަރުކާރުގެ ސިޔާސަތުތައް ކިތަންމެ ފަހަރަކު ބަދަލުކޮށްފިއެވެ. ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއަޕޯޓު ފީތައް ބޮޑުކޮށް، ޓޫރިޒަމް ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކޮށްފިއެވެ. ކާޑުތަކުގެ ލިމިޓުތަކަށް ބަދަލު ގެނެސްފިއެވެ. އީކޮމާސް ސައިޓުތަކުން 30 ޕަސެންޓު ނަގަން ފަށައިފިއެވެ. އެއިން ކޮންމެ ފިޔަވަޅަކާއެކު ރައްޔިތުންނަށް ދެމުން އައި މެސެޖަކީ ”ދެން ހަމައަކަށް އެޅޭނެ“ ކަމަށެވެ. އެކަމަކު އެ މަންޒަރު ފެނޭ ހެއްޔެވެ؟

އެ ފިޔަވަޅުތަކާއެކު ދުވަހަކު ސަރުކާރަކަށް ޑޮލަރު ނުވަންނަ މިންވަރަށް މިހާރު ޑޮލަރު ލިބެމުންދާއިރު ވެސް، މެނޭޖުނުކުރެވި އިތުރަށް ޑޮލަރު ހޯދަން، ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނާނެ ވާހަކަ މިހާރު ދަނީ ދައްކަމުންނެވެ. އެގޮތުން ކުރިން ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށްފަހު، އެވަރުން ވެސް މެނޭޖުނުކުރެވި، އޭގެ ދެ ގުނަ، ނުވަތަ 40 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. މިއާއެކު، މިހާރު ވެސް ޑޮލަރުން ލޯނުތަކާއި އެހެނިހެން ހަރަދުތައް ކުރަންޖެހޭ ރިސޯޓުތަކަށް ކުރިމަތިވާ ބުރަ ބޮޑުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން އިތުރަށް ޖެހިލުންވާނެ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ. އަދި އެކަމުގެ ނުސީދާ އަސަރުތައް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އާމްދަނީއަށް ކުރާނެއެވެ.

އޭގެ އިތުރުން، ޑޮލަރުގެ ދަތިކަން ކުރިމަތިވެ، މެނޭޖުނުކުރެވި، ޒިންމާއިން ބަރީއަވަމުންދާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ އަގު އުފުލެމުންދާ ވާހަކަ ދެއްކުން މަނާވާ ގޮތަށް ވެސް ގާނޫނަށް މިހާރު ވަނީ އިސްލާހު ހުށަހަޅައިފައެވެ. އަދި އެމްއެމްއޭގެ ރަސްމީ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމަކީ އެމްއެމްއޭގެ ގާނޫނުން މިހާރު ވެސް މަނާ ކަމަކަށް ވާއިރު، ހަމަ އެކަން ބޭރު ފައިސާގެ ގާނޫނުގައި ވެސް ހިމަނަން އިސްލާހު ހުށަހަޅައިފައެވެ. ހަމައެހެންމެ، ވިސްނުމަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ވެސް ރުފިޔާއިން އާމްދަނީ ލިބޭނެ ގޮތަށް މުޅި އޮނިގަނޑު ބަދަލުކޮށް ރުފިޔާއިން ރައްޔިތުންގެ ކަންކަން ކުރުން ކަމަށް ސަރުކާރުން ބުނެފައި ވާއިރު، ސީދާ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތަށް ރިސޯޓުތައް ތަރައްގީކުރާނެ ކަމަށް ބުނި މަޝްރޫއު އޮތީ އެ ވިސްނުމާ މުޅިން ހިލާފަށެވެ.

މިދިޔަ ސަރުކާރުގައި ރާއްޖޭގެ އިގްތިސާދު މެނޭޖުކުރި ގޮތާމެދު ފާޑުކިޔައި އެކަންކަން ހައްލުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު، ރާއްޖެގެ އިގްތިސާދު އޮތް ހަގީގީ ހާލަތު މި ސަރުކާރުން ރައްޔިތުންނަށް ސާފުނުކޮށްދޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ގޯސްކުރަމުންދަނީ ނޫސްތަކެވެ. އިދިކޮޅު ފަރާތްތަކެވެ. ކުރީގެ ސަރުކާރުތަކެވެ. މުޅި އިގްތިސާދު ބަންދުކުރަންޖެހުން ފަދަ ހާލަތެއް މެދުވެރިނުވާއިރު، ހުއްޖަތަކަށް ދައްކަމުން ދަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ދަތިތަކެވެ. އަދި އެކަމާ ގުޅުވައި ސިޔާސަތުތައް ބަދަލުކުރަމުން ދަނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ.

ސަރުކާރުން ދުރު ވިސްނުމެއް ނެތި، ކުރު މުއްދަތެއްގެ ތެރޭގައި ބަދަލުކުރަމުންދާ އިގްތިސާދީ ސިޔާސަތުތަކުގެ ނަތީޖާއަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އެކަމުގެ ބުރަ ކުރިމަތިވެ، މިހާރު ވެސް ބޭރުގެ އިންވެސްޓަރުން ނުގެނެވޭ އިރު، އިންވެސްޓަރުން ރާއްްޖެ އައުމަށް އިތުރަށް ޖެހިލުން ވުމެވެ. ކަޅު ބާޒާރޭ ކިޔުނު ޑޮލަރުގެ ބާޒާރު ހަގީގީ ކަޅު ބާޒާރަކަށް ބަދަލުވެ، ބޭރު ފައިސާގެ ސިއްރު ޑީލްތައް އިތުރުވެގެން ދިޔުމެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، ވަކި ބަޔަކަށް ޑޮލަރު ކޮންޓްރޯލުކުރުމަށް ފުރުސަތު ލިބިގެންދިޔުމެވެ. އަދި މަޖުބޫރުވެގެން އެ ބާޒާރުގެ ބޭނުން ހިފާ މީހުންނަކީ ވެސް ކުށްވެރިންކަމަށް ދެކުމެވެ. ޑޮލަރުން އާމްދަނީ ލިބެމުން އައި އެތައް ބަޔަކަށް ލިބެމުން އައި އާމްދަނީން ބޮޑު ބައެއް ގެއްލުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: