އެހެން މީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާހެއް ބޭނުންކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއަށް ވަންނަން މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ އިންޑިއާ ރައްޔިތެކެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނެރުނު އަމުރުގައިވާ ގޮތުން، ބިދޭސީ މީހާ އެއާޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތްކޮށްފައި ވަނީ އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހުންނަ 51 ނަންބަރު ގޭޓުންނެވެ.
ސަންޖީވާ އަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް ވަޒީފާ އަދާކުރަމުން އަންނަ މީހެއް ނަމަވެސް، އޭނާ އެތެރެއަށް ވަނުމަށް ބޭނުންކޮށްފައި ވަނީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެކެވެ. އަދި އެ ފާހުގެ ވެރިފަރާތަކީ މިހާރު ވޯކް ވިސާ ކެންސަލްކޮށްފައިވާ މީހެއް ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.
ހުއްދަނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ސަންޖީވާ ކޯޓުގައި ބުނެފައި ވަނީ، އޭނާ ބޭނުންކުރި ފާހަކީ އޭނާގެ ބޮސް ދިން ފާހެއް ކަމަށެވެ.

