އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުން ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ. ނުފެން ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައިނުވެއެވެ.
ފޮރިން ސާވިސް ގާނޫނުގެ 14 ވަނަ މާއްދާގެ މަތިން ބޭރު ގައުމުތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުމަށްޓަކައި އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަން ކުރާތީ އެބޭފުޅާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މަޝްވަރާ ހޯދައިދެއްވައި މަޖިލީހުގެ ނިންމުން އަންގަވައިދިނުމަށް އެދި ރައީސް، ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް އެ މަގާމަށް ޖަމީލާ އައްޔަންކުރުމަށް ފާސްކުރިއެވެ.
ސަފީރުކަމަށް ނަން ފޮނުއްވި ޖަމީލާ އަލީ ހާލިދަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ޖަރުމަނުވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ.
ހާރިޖީ ދާއިރާގެ އިތުރުން ޖަމީލާ ވަނީ ތައުލީމީ ދާއިރާގައާއި ދައުލަތުގެ މީޑިއާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.

