ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހިމެނޭހެން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެންބަރެކެވެ.
މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ ކުރިން، ލާމަރުކަޒީ ކޮމިޓީން ކުއްލި ބައްދަލުވުމެއް ބާއްވައި ވަނީ ބިލު ނިންމާފައެވެ. އެގޮތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހަކާ އެކު ބިލުގައި ކަނޑައަޅާފައިވަނީ، ސަރުކާރުން ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އަމިއްލަ އެހެން ފަރާތަކުން ނަމަވެސް އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، މިނިސްޓްރީ އޮފް ފައިނޭންސަށް ހުށަހަޅައިގެން އެކަށީގެންވާ ބަދަލެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

