ޓެކްސް ގާނޫނަށް ހުށަހެޅި އިސްލާހުތައް އެކުލަވާލީ ސިނާއަތުގެ އެކަށީގެންވާ މަޝްވަރާއަކާ ނުލައި ކަމަށާއި، އާމްދަނީ ހޯދުމުގެ ނަމުގައި ދިވެހި ޓްރެވަލް އެޖެންޓުން ”ގުރުބާން ނުކުރުމަށް“ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫރް އޮޕަރޭޓަރުން (މަޓާޓޯ) އިން ބުނެފި އެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންސާފުވެރި އަދި ހަމަހަމަ ޓެކްސް ނިޒާމަކަށް އެ ޖަމިއްޔާއިން ތާއީދުކުރި ނަމަވެސް، އިސްލާހުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް އެކުލަވާލިއިރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދާއިރާގެ މަސްލަހަތުވެރިންނާ އެކަށީގެންވާ މަޝްވަރާއެއް ކޮށްފައި ނުވުމަކީ ކަންބޮޑުވުމެއްކަމަށް ވަނީ ބުނެފަ އެވެ.
އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް ނަމަވެސް އެތެރެވާ ފަތުރުވެރިކަމުގެ ހިދުމަތްދޭ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓްރީވާން ޖެހެއެވެ. މަޓާޓޯއިން ފާހަގަކުރި ގޮތުގައި މިއީ އަމަލީ ގޮތުން ތަންފީޒުކުރަން އުނދަގޫ އަދި ބޭރުގެ ވިޔަފާރި ބައިވެރިން ޓެކްސް ދައްކާތޯ ބެލުމުގެ ބުރަ ދިވެހި އެޖެންޓުންގެ ބޮލުގައި އެޅިގެންދާނެ ކަމެކެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ބޭރުގެ ބައިވެރިން ރާއްޖެއަށް ވިޔަފާރި ކުރުން މަދުކޮށް، ވާދަވެރި އެހެން މަންޒިލްތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އަންނަ އޮކްޓޯބަރު 1 އިން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފެށުމަށް ނިންމާފައިވާއިރު، އެ ވަގުތަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމުގެ ބުކިންތަކާއި އަގުތައް ކަނޑައަޅައި ނިމިފައިވާ ވަގުތެއްކަމަށް މަޓާޓޯއިން ވަނީ ބުނެފަ އެވެ. އެހެންކަމުން، މި ބަދަލުގެ ސަބަބުން ބޮޑެތި މާލީ ތަކުލީފުތަކެއް އުފުލަންޖެހިދާނެތީ އެކަށީގެންވާ ޓްރާންސިޝަން މުއްދަތެއް ދިނުމަށް ވަނީ އެދިފައެވެ. އަދި ދިވެހި އެޖެންޓުންގެ ވިޔަފާރީގެ ސިއްރު މައުލޫމާތުތައް ހާމަކުރަން ޖެހިދާނެތީ، މައުލޫމާތު ރައްކާތެރިކުރުމުގެ ހަރުދަނާ ނިޒާމެއް ނެތި އެފަދަ ކަންކަން މަޖުބޫރު ނުކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ޓްރެވަލް އެޖެންޓުން ގުރުބާން ނުކުރުމަށް ގޮވާލައި، މަޓާޓޯއިން ބުނީ ބޭރުގެ އޮޕަރޭޓަރުން ރަޖިސްޓްރީވާނެ ތްރެޝްހޯލްޑް ކަނޑައެޅުމަށާއި، B2B އަދި B2C މުއާމަލާތްތައް ވަކިކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް މިކަމުން ކޮށްފާނެ އަސަރުތަކުގެ ފުރިހަމަ އެސެސްމަންޓެއް ހަދަން ޖެހޭގޮތަށް ހުށަހަޅާ ކަމަށެވެ.
މި އިސްލާހު ތަންފީޒުކުރުމުގެ ކުރިން، ސިނާއަތުގެ ހުރިހާ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ފަދަ ހައްލެއް ހޯދައިދިނުމަށް މަޓާޓޯއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

