މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު، މިމަހުގެ 31 ވާ ހޯމަ ދުވަހު ހަމަވާނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް މެދުވެރިކޮށެެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ، 12 ޖުލައިން ފެށިގެން މިމަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ. އޭގެ ތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. އެ ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ 8 ގެ ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ރާއްޖެ ތަމްސީލުކުރުމަށް ޓަކައި ބައިވެރިވާ ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ އެނޫންވެސް މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ޚާއްޞަ އިނާމު މި އަހަރު ދެއްވާ ހަތަރުވަނަ ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި ގިންތިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
އިނާމަށް ނަން ހުށަހަޅުއްވާއިރު، ފޯމާއެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތައް، ހުށަހަޅުއްވާއިރު ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުމަށާއި، އިނާމަށް ހުށަހަޅާ ލިޔުންތަކަކީ، އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށްޓަކައި، އިނާމު ދިނުމާގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.
ޚާއްޞަ އިނާމު ދެއްވާނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

