ސަރުކާރުން ހަރަދާއި އިސްރާފާއި ކޮރަޕްޝަން ބޮޑުކުރުމަށްފަހު ދެން ދެކޮޅު ނުޖެއްސުމުން ވިޔަފާރިކުރާ މީހާގެ ޖީބަށް އަތް ބާނައިގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި އުމަރު ވިދާޅުވީ، ސަރުކާރުން ޑޮލަރު މާރުކޮށްގެން ނަގާނަމަ ނަގަން ވާނީ 10 ޕަސެންޓަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށެވެ. އެއަށްވުރެ ބޮޑުކޮށް ނަގައިފިނަމަ އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
”އެ މިހަކު ހޯދި މުދަލެއް އެ މީހަކަށް. އެ މީހަކު ހޯދި ޑޮލަރެއް އެ މީހަކަށް ސަރުކާރުން ޓެކްސްއެއް ގޮތުގައި ނަގަންޏާ ނަގަންވާނީ 10 ޕަސެންޓު. އެއަށްވުރެ ބޮޑުކޮށް ނަގައިފިއްޔާ އިގްތިސާދަށް އަސަރުކުރާނެ،“ އުމަރު
އުމަރު ވިދާޅުވީ، ސަރުކާރުގެ ރޯލަކީ ސަރުކާރުން އަމިއްލައަށް ހަރަދު ކުޑަކޮށްގެން ހިންގުން ކަމަށެވެ. ނަމަވެސް، ސަރުކާރުން ހަރަދާއި އިސްރާފާއި ކޮރަޕްޝަން ބޮޑުކުރުމަށްފަހު ދެން ދެކޮޅު ނުޖެއްސުމުން ވިޔަފާރިކުރާ މީހާގެ ޖީބަށް އަތް ބާނައިގެން ފައިސާއާއި މުދަލެއް ނުނެގޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މިއަދު ދިމާވެގެން އުޅޭ އިގްތިސާދީ ހާލަތު ދިމާވެގެން މި އުޅެނީ ވޭތުވެދިޔަ 18 އަހަރު ދުވަސް ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުރި ވެރިކަންތަކުގައި އިސްރާފާއި ކޮރަޕްޝަން ބޮޑުކަމުން ކަމަށް އުމަރު ވިދާޅުވިއެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިއިރު ޑޮލަރު ރޭޓަކީ 12.85 ރުފިޔާ ކަމަށް ވީނަމަވެސް މިއަދު ޑޮލަރު ރޭޓު 23 ރުފިޔާއަށް އެރުމަކީ ހިތާމައެއް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މީގެ 18 އަހަރު ކުރިން ޑޮލަރުގެ ވަޅު ބާޒާރެއްވެސް ޑޮލަރު ގަތުމަށް ބޮޑު ކިޔޫއެއްވެސް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނު މިދިޔަ ހަފްތާގައި ވަނީ އިސްލާހުކޮށްފައެވެ.
މި މަހުގެ 24 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަނަރ އަހުމަދު މުނައްވަރު ވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކުން ކަޅުބާޒާރު މެދުވެރިކޮށް ފައިސާ ދައުރު ކުރަމުންދާކަމަށާއި އެފަދަ ފަރާތްތަކުގެ އަމަލުތައް ހުއްޓުވައި، ގާނޫނު ތަންފީޒުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

