ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.
މ. ލެމަންޓްރީގެ، އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު، ނިޔާވިކަން އޭނާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި ހުންނަ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ.
މި ހާދިސާއާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ބެލިބެލުމުން އެނގުނު ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ އަންހެނެކެވެ. ސައިކަލު ދުއްވި މީހާއަށް ވެސް އަނިޔާވެގެން ފަރުވާދީފައިވެއެވެ. ފުލުހުން ބުނީ އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވާއިރު ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރަން ފިޔަވަޅު އަޅަން ފުލުހުންނާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އާދީއްތަ ދުވަހު މަޝްވަރާކޮށްފައެވެ.

