ކަޅު ބާޒާރާއި އެ ބާޒާރުގެ ރޭޓުތަކުގެ ވާހަކަ ދެއްކުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށްފަހު، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު ދަށްވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ބޭރު ފައިސާގެ މުއާމާލަތްތައް ކުރުމުގައި އެމްއެމްއޭގެ ރޭޓާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅައި ކަޅު ބާޒާރުގެ މުއާމަލާތްތައް މަނާކުރުން ހިމެނެއެވެ. އެމްއެމްއޭގެ ގާނޫނުގައި ވެސް އެއީ ކުށެއް ކަމަށް ބަޔާންކޮށްފައި އޮއްވާ ބޭރު ފައިސާގެ ގާނޫނުގައި ވެސް އެކަން ހިމެނުމުގެ އިތުރުން، ކަޅު ބާޒާރުގައި އެމްއެމްއޭގެ ރޭޓާ ހިލާފަށް ބޭރު ފައިސާ ލިބޭ ވާހަކަ ދެއްކުން ވެސް މަނާވާ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހުތައް ރައީސް ތަސްދީގުކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށުމުން ކަޅު ބާޒާރުގެ ވާހަކަ ދެއްކުން އާންމު ރައްޔިތުންނަށް މަނާވާ ނަމަވެސް، ރައީސް މުއިއްޒު ވަނީ އެ ރަސްމިއްޔާތުގައި ކަޅު ބާޒާރުގެ އަގުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ.
ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން އެ ފިޔަވަޅުތައް އަޅާނެކަން އިއުލާނުކުރުމާ ހިސާބުން ފެށިގެން މިހާރު ވެސް ކަޅު ބާޒާރުގައި ބޭރު ފައިސާގެ ރޭޓު ދަށްވަމުންދާ ކަމަށެވެ.
”އަޅުގަނޑަށް ފާހަގަކުރެވޭ، އިރާދަކުރެއްވިއްޔާ، މިހާރު ސަރުކާރުން މި ފިޔަވަޅުތައް އަޅާނެކަން އިއުލާނުކުރުމާ ހިސާބުން ފެށިގެންވެސް، އަދި މިއަދު މި އަދި ކިރިޔާ މި ބިލު ތަސްދީގުކުރެވުނީ. މި ބޭރުފައިސާއާ ބެހޭ ބިލު. މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ. މި އެންމެންވެގެން ގުޅިގެން މިކަން ކުރިއަށް ގެންދިޔައިމާ ރަނގަޅުވާނެ.“ ރައީސް މުއިއްޒު
ބޭރު ފައިސާގެ ގާނޫނުގެ 17 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތުން، އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭއިން ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުމާއި ގަނެވިއްކުމަށް އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުމަކީ ކުށެކެވެ.
”އިސްތިހާރު ކުރުމާއި ޕްރޮމޯޓުކުރުން“ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެއީ ބޭރު ފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ބޭންޑުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކުރުމަށް ޓަކައި ނުވަތަ އެކަމަށް ހިތްވަރުދިނުމަށް ޓަކައި ނުވަތަ އެކަން ފެތުރުމަށް ޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި ޝާއިއުކުރުމާއި ފެތުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމެވެ.
އެ އިސްލާހު އިއްޔެ ތަސްދީގުކުރެއްވި ނަމަވެސް އެއަށް އަމަލުކުރަން ފަށާފައިވަނީ 1 ސެޕްޓެމްބަރުން ފެށިގެންނެވެ.

