މި ސަރުކާރުން ރާއްޖޭގެ އިގްތިސާދީ މައިގަނޑު ސިނާއަތްތައް ފުނޑާލައި، އާންމު ރައްޔިތުން ބަނޑަށް ޖައްސަމުންދަނީ އެނގިތިބެ ރޭވުމެއްގެ ދަށުން ކަމަށާއި، އެއީ ރައްޔިތުން ނިކަމެތިކޮށް އަޅުވެތިކޮށްގެން އިންތިހާބުތައް ކާމިޔާބުކުރުމުގެ ވިސްނުމެއްގައި ހިންގާ އަމަލުތަކެއްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އިސްތިއުފާ ދެއްވަންދެން، ސަރުކާރާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށެވެ.
މި ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، ރާއްޖޭގެ ބޭންކިން ނިޒާމާއި ޑޮލަރުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ދޯހަޅި ސިޔާސަތުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންތައް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަމުންދާ މައްސަލައެވެ.
ޤައުމީ މަޖިލީހުގައި މި ގަރާރަށް ތާއީދުކުރައްވައި މާރިޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް އެއްކޮށް ކަނޑުވާލައި، އެއީ ސީދާ މުއިއްޒުގެ މަޖިލީހެއްގެ ގޮތުގައި ބަދަލުކުރައްވާފައި ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ނައްތާލައި، ސުޕްރީމް ކޯޓާ ކުޅެ، އެ ކޯޓުގެ މިނިވަންކަން ގެއްލުވާލައި، އަމިއްލަފުޅަށް ބޭނުންވާ ގޮތަށް ކޯޓުތައް އަތުރާލާފައިވާކަމަށް އޭނާ މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަބަބުން ރައްޔިތުން ޝަރުއީ ދާއިރާއާއި، ކޯޓުތަކުގެ ނިންމުންތަކަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރު އެއްކޮށް ގެއްލިގެން ގޮސްފައިވާކަމަށެވެ.
އަޅުގަނޑުމެންނަކަށް މިއަދު ނެތް.. ދިވެހި ރައްޔިތުންނަށް އެހެން ގޮތެއް ނެތް އިހުތިޖާޖުކުރުން ނޫނިއްޔާ.. ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލިސް އެންމެ ފުރަތަމަ ރައީސް މުއިއްޒު އެ ބޭފުޅުން އިންތިހާބުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަކަށް ކަނޑުވާލާ އެ ތަން އެބަ ހަދާލައިފި މުއިއްޒުގެ މަޖިލީހަކަށް. ދެވަނަކަމަކަށް ސުޕްރީމް ކޯޓާ ކުޅެގަނެ، ސުޕްރީމް ކޯޓާ ދޭތެރޭގައި ރައްޔިތުން ކުރަންޖެހޭ އިތުބާރު ގެއްލޭ ގޮތަށް ސުޕްރީމް ކޯޓު އަތުރާލައިފި.
މާރިޔާ ވިދާޅުވީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި މަސްވެރިކަމުގެ ސިނާއަތް ދުވަހެއް ދުވަހަކަށް ފުނޑި، މުޅިން ނެތެމުންދާ ކަމަށެވެ. އެގޮތުން ރަށްރަށަށް ދާއިރު މަސްދޯނިފަހަރު މަދުވެ، ގިނަ އުޅަނދުތައް މުދާ އުފުލާ ދޯނިފަހަރަށް ބަދަލުކުރަމުންދާކަމަށާއި، މިހާރު މަސްދޯނިތަކުގައި މަސައްކަތްކުރަނީ މުޅިން ވެސް ބިދޭސީންކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ޒުވާނުން މަސްވެރިކަމާ ދުރުކޮށް، ރިމޯޓް ކޮންޓްރޯލުން އިނގިލި ޖަހާލާ އުސޫލުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ވަޒީފާތައް ދިނީ އެ ސިނާއަތްތައް ހަލާކުކޮށްލުމުގެ ބޭނުމުގަ އެވެ. ދި އެހެން އާމްދަނީ ހޯދޭނެ ވަސީލަތްތައް ނައްތާލުމަށްފަހު، މިހާރު ކުންފުނިތަކުން މީހުން ކަނޑައި، ރައްޔިތުން މަގުމަތިކުރަމުންދާކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
ހަމައެއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވެސް ސަރުކާރުން ހަލާކުކުރަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން، ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރުމަށް ފުރަތަމަ 20 އިންސައްތަ، އެއަށްފަހު 500 ޑޮލަރުގެ އުސޫލެއް އަދި މިހާރު 40 އިންސައްތަ ފާސްކޮށްގެން ވިޔަފާރިތައް ބަނގުރޫޓުކުރަން އުޅޭކަމަށް މާރިޔާ ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އާންމު ރައްޔިތުންގެ ކެއިންބުއިމާއި ދިރިއުޅުމުގެ ވިޔަފާރިތައް އެނގިތިބެ ފުނޑާލުމެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މީޑިއާތަކާއި ނޫސްވެރިންގެ އަނގަބަންދުކޮށް، ގައުމު ބަނޑަށް ޖެއްސުމަށްފަހު އިންތިހާބުތަކަށް ސަރުކާރުން ކުރިމަތިލަނީ ރައްޔިތުން ނިކަމެތިކޮށް، ނުފޫޒު ފޯރުވައިގެން ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ބަނޑަށް ޖެހުމުގެ ކުރިން މަގުމައްޗަށް ނުކުމެ ވަރުގަދައަށް އިހުތިޖާޖު ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
މި ހަމަ އެނގިގެން ރައްޔިތުން ބަނޑަށް ޖައްސާ ފަގީރުކުރުމަށްޓަކައި ރައީސް މުޢިއްޒު ދުރު ރާސްތާއަކަށް ވިސްނައިގެން ކުރައްވަމުން ގެންދެވި ކަންތައް.
މީގެ ކުރިން ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ފާސްކުރި ނަމަވެސް، ޕާޓީގެ އިސް ލީޑަރުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމާއި މުޒާހަރާތަކަށް މީހުން މަދުވުމުގެ ސަބަބުން އެ ހަރަކާތްތައް ކުރިން އޮތީ މަޑުޖެހިފައެވެ. ނަމަވެސް، ވޭތުވެދިޔަ ތިން ރޭ އެމްޑީޕީ ހަރުގެ ކައިރީގައި އިހުތިޖާޖުތައް ކުރިއަށް ގޮސްފައިވާއިރު، ރޭގެ މުޒާހަރާގެ ތެރެއިން ބައެއް އާންމުން ވަނީ ”ދިމްޔާތު“ ކައިރިއަށް ވެސް އެއްވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކޮށްފައެވެ.

