މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުވާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މަސް ކިލޯއެއްގެ އަގު 20ރ.އަށް ކަނޑައަޅައި ދާއިމީ ގޮތެއްގައި އެ އަގުގައި މިފްކޯއަށް މަސް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން މިހާރު 20ރ.އަށް ވުރެ ދަށްކޮށް މަސް ކިލޯއެއް ނުގަންނާނެ ކަމަށެވެ.
”ޑިސެމްބަރު މަހު ރައީސް ވިދާޅުވީ 16ރ.އަށް ވުރެ ދަށްނުވާނެ ގޮތަށް މަހުގެ އަގު ހިފަހައްޓަވާނެ ކަމަށް. އޭގެ ފަހުން އަޅުގަނޑުމެންނަށް ޔަގީނުން ވެސް 20ރ.އަށް ކަނޑައެޅުނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ޔަގީނުން ވެސް 20 ރުފިޔާއަށް ވުރެ ދަށް ނުވާނެ އަގެއްގައި މަސް ގަންނަމުން އެދަނީ. އިއްޔެއާއި އޭގެ ކުރީ ދުވަހާ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 21 ރުފިޔާއަށް މިފްކޯއަށް މަސް ގަންނަމުން އެ ދިޔައީ،“ ޝިޔާމް
ޝިޔާމް ވިދާޅުވީ، މަހުގެ އަގު ކަނޑައެޅުމުގައި މަސް ބޭރު ކުރާ ބާޒާރުތަކުގައި ހިނގާ މުއާމަލާތްތަކާއި މިފްކޯގެ އެފިޝެންސީ އަދި އޮޕަރޭޝަނަށް ރިއާއަތްކުރާ ކަމަށާއި މަހުގެ އަގު ކަނޑައެޅުމުގައި މިފްކޯއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ.
އެގޮތުން ތެލަށް ކުރާ ހަރަދު ވެސް ހާއްސަ އިންތިޒާމެއްގެ ދަށުން ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިފްކޯގެ ހުރިހާ ފެސިލިޓީތަކުން މަސްވެރިންނަށް ދޫކުރާ ތެޔޮ މިހާރު ދޫކުރާނީ އެސްޓީއޯއިން ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މިހާރު މަސްވެރިކަމުގެ ސިނާއަތު ބައްޓަންކުރެވިގެންދަނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވެސް ވާދަވެރި މާހައުލެއް އޮންނަ ގޮތަށް ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުން 21.5 ރ. އަދި 22ރ. އަށް ވެސް މަސް ގަތް ކަމަށާއި ވާދަވެރިކަމުގެ ސަބަބުން އެކަމުގެ ނަފާ މަސްވެރިންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ އޮތް އިރު، އެ މައްސަލަ ހައްލުކޮށް މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ވެސް މިއަދު މިނިސްޓަރު ވިދާޅުވެފައިވެއެވެ.

