އުމުރުން ތިން އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ އަމަލު ވީޑިއޯ ކުރި މައްސަލާގައި ހައްޔަރުކުރި ބައްޕަގެ އިތުރުން، އެކަމުގައި ކުއްޖާގެ މަންމަގެ އެއްވެސް ބައިވެރިވުމެއް ވޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާއަކީ މި އަހަރުގެ ކުރީކޮޅު ޖިންސީ ގޯނާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރިމަތިވި މީހެކެވެ.
ކުއްޖާއަށް ޖިންސީ ގޯނާކުރުމުގައި މަންމަގެ ބައިވެރިވުން އޮތްކަމަށް އާންމުންގެ ތެރޭގައި ތުހުމަތުތަކެއް މި މައްސަލަ ފެންމަތިވުމާއި އެކު އަޑުފެތުރުނެވެ.
ފުލުހުން ބުނީ މަންމައަށް ކުރެވޭ އެ ތުހުމަތުތަކާ ގުޅިގެން، އެ ހާދިސާގައި އޭނާގެ ބައިވެރިވުމެއް އޮތް މިންވަރު ތަހުގީގުގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ފުލުހުން ހާމަކުރި ގޮތުގައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފެމިލީ އެންޑް ވެލްފެއާ ހިމެނޭހެން ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ނަމަވެސް މިވަގުތު އެ ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

