40 އިންސައްތަ ޑޮލަރު ރިސޯޓުތަކުން މާރުކުރުމަކީ ނުއުފުއްލޭނެ ވަރުގެ ބުރައެއް ކަމަށް ވިދާޅުވާ ސަބަބު ސާފުނުވާ ކަމަށާއި، އެކަން ނުވަނީ ކީއްވެކަން އެ ބަޔަކަށް ބުނދެވިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި، ރާއްޖޭގައި އެކިއެކި ވެރިކަންތައްވެސް ދެކެވަޑައިގެންފައިވާ ކަމަށާއި އަދި މަޖިލީހުގެ ޖަލްސާތަކުގައި އިންނަވާ ކޮމިޓީތަކުގެ މުގައްރިރުކަންވެސް ކުރައްވާފައިވާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، އެތައް ސަރުކާރެއްގައިވެސް އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެގޮތުން ބައެއް ސަރުކާރުތަކުގައި 60 ޕަސެންޓު ވެސް މާރުކުރަން ޖެހޭ ގޮތަށް ކަންކަން ކުރި ކަމަށެވެ. ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
”ބްލެކް މާކެޓު އުފެދުމާއި، ޑޮލަރު ނުލިބުމާއި ތަކެތީގެ އަގު ބޮޑުވުމާއި އެކަހަލަ ގޮތަކަށް ދެއްތޯ މިދަނީ. ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅަކީ ކުރިން ވެސް އަޅަން ޖެހޭ ފިޔަވަޅެއް. މާ ލަސްވެސް ވެއްޖެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައިސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެން ފަހުން ގެންނަ ބަދަލުތަކުގެ ތެރޭގައި މިއި ވަރަށް ރަނގަޅު ބަދަލެއް ކަމަށް އަޅުގަނޑު ދެކެވަޑައިގަންނަވަނީ. މި ބަދަލާ އެކީގައި ޑޮލަރުގެ އަގު ތިރިވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،“
ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގެ ރިސޯޓުތަކަށް ފޮރިންގ ކަރަންސީން ޕޭމެންޓު ލިބޭ ކަމަށާއި، ރާއްޖޭގައި ފަތުރުވެރިކަމުގައި ލިބޭ ގިނަ ހިދުމަތްތަކަކީ ބޭރު ފައިސާއިން ލިބޭ ހިދުމަތެއް ކަމަށެވެ. އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭއިރު، 40 ޕަސެންޓު ބޭންކިންގ ނިޒާމުގެ ތެރެއިން އައިސް ރުފިޔާއަށް ބަދަލުވާ ކަމަށް ވިދާޅުވިއެވެ.
ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތަށް ގެނައި ބަދަލާއެކު އެކަމުގައި ބުރައެއް އޮތް ކަމަށާއި އަދި މިއީ ނުއުފުއްލޭނެ ބުރައެއް ކަމަށް ވިދާޅުވުމުން އެކަން ސާފުނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ރިސޯޓުތައް ވަރަށް ރަނގަޅަށް ހިނގަމުންދާ އިރު އެއްވެސް މައްސަލައެއް ދިމާނުވާ ކަަމަށާއި ލޯކަލީ ގަންނަން ބޭނުންވާ އެއްޗެހިވެސް ގަންނަނީ ރުފިޔާ ދީފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ. ރިސޯޓުތަކަށް ޑޮލަރުން އާމްދަނީ ލިބުނު ނަމަވެސް އެތަންތަނަށް ކާބޯތަކެއްޗާއި އެފަދަ ތަކެތި ގަންނާނީ ހަމަ ރުފިޔާ ދީގެން ކަމަށެވެ. އަދި އެ ތަކެތި ރިސޯޓަށް ގެންދިއުމުން ޑޮލަރަށް ބަދަލުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތެއް ހޯދުމަށް އަބަދުވެސް ވަކާލާތުކުރެއްވި ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުވެސް މަޑުމަޑުން މަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

