ހަލާލް ފަތުރުވެރިކަން ފުޅާކުރުމަށް އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައި.ސީ.ސީ.ޑީ) އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ގާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިގްތިސާދު ކުރިއެރުވުމާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ހަލާލް ފަތުރުވެރިކަން ފުޅާކުރުން ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އޭގެ އިތުރުން، އެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުސްހަފެއް، ރައީސަށް ހަދިޔާކުރައްވާފައެވެ.
އައިސީސީޑީ އަކީ އިސްލާމީ ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ބަދަހިކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. އެއީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ދަށުން އުފައްދާފައިވާ، އޯއައިސީގެ ބައިވެރިވާ 57 ގައުމުގެ ގައުމީ ޗޭމްބާސް އޮފް ކޮމާސްތައް ތަމްސީލުކުރާ އެންމެ މައި އިދާރާއެވެ.
އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި ކުރެވޭ އެކްސްޕޯޓާއި އިމްޕޯޓު އިތުރުކުރުމަށް މަގުފަހިކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ހަލާލް ސެޓިފިކޭޝަނާއި ހަލާލް ވިޔަފާރިތައް ފުޅާކުރުމަށް ސިޔާސަތުތައް އެކުލަވައިލުމާއި އެހީތެރިކަން ދިނުމަކީ ވެސް އެ ޖަމާއަތުން ކުރާ މަސައްކަތްތަކެވެ.

