މަގު ހުރަސްކުރަން އުޅުނު ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ކައިރިން މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މުއުލޫމާތު މިއަދު ހެނދުނު 8:03 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ފުލުހުން އެންމެ ފުރަތަމަ މީޑިއާތަކަށް މައުލޫމާތު ދިނީ އެ އެކްސިޑެންޓުގައި މީހެއްގެ ގައިގައި ސައިކަލުން ޖެހުނު ކަމަށެވެ. އަދި އެތަނަށް ފުލުހުން ދިޔައިރު އެ މީހާ ސީނުން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް، ފަހުން ބެލި ބެލުމުން އެކަން ހިނގީ، ސައިކަލު ކުރިމަތިން ކުޑަކުއްޖަކު ކުއްލިއަކަށް ހުރަސްކުރުމުން، ކުއްޖާ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި، ވެއްޓިގެން ކަމަށް ބުނެފައިވެއެވެ.
އެ ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިނަރެސް ކައިރިން މަގު ހުރަސްކުރި ކާރު ޑްރައިވަރެއްގެ ގައިގައި ސައިކަލަކުން ޖެހި އެ ސައިކަލުގެ ފަހަތުން އިން އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖަކު ވެއްޓި އެ ކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ވަނީ ނިޔާވެފައެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެފައިވާއިރު، ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަން ފުލުހުންނާއި އެޗްޑީސީން މިދިޔަ އާދީއްތަ ދުވަހު ވަނީ މަޝްވަރާކޮށްފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.

