ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ފީ އާއި ގްރާންޓް ކަނޑާލީ ހިދުމަތްތަކަށް ހުރަސްއަޅަން: އާޒިމް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލަށް ލިބޭ މާލީ ވަސީލަތްތައް ހިފަހައްޓައި، ސަރުކާރުން ކައުންސިލްގެ ބާރުތައް ހަނިކުރަމުންދަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަސްއަޅައި ދަތިކުރުމުގެ މަގުސަދުގައިކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ، ކައުންސިލްގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ވެހިކަލް ފީ އާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ދައުލަތުން ދޭ ބްލޮކް ގްރާންޓް ކަނޑާލުމަކީ ކައުންސިލް ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އެގޮތުން މި މަހު ލިބެންޖެހޭ 13 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ވެސް ސަރުކާރުން ދީފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނާ ގުޅިގެން، މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ 2029 ގެ ނިޔަލަށް ވަނީ ސިޓީ ކައުންސިލްގެ އަތުން ވަކިކޮށްފައެވެ. އަދި އަލަށް އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް އާ އެ މަސައްކަތްތައް ހަވާލުކުރާއިރު، މީގެ ކުރިން ކައުންސިލަށް ލިބެމުން އައި އަހަރަކު 125 މިލިއަން ރުފިޔާގެ ވެހިކަލް ފީ ދެން ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓާ ފަންޑަކަށެވެ.

މީގެ އިތުރުން މަގުތައް މަރާމާތުކުރުމަށް ލިބޭ 13 މިލިއަން ރުފިޔާ ވެސް ކައުންސިލަށް ދެން ނުލިބޭނެއެވެ.

މިއަދުގެ ޖަލްސާގައި ސިޓީ ކައުންސިލުން ވަނީ އަންނަ އަހަރަށް ލަފާކުރާ 671 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. މި ބަޖެޓު ފާސްކޮށްފައިވަނީ 338 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑެފިސިޓަކާ އެކުގައެވެ. ބަޖެޓު ޑެފިސިޓްވާ މައިގަނޑު ސަބަބަކީ ނުދައްކާ ހުރި ފެނާއި ކަރަންޓު ބިލުތައް އެއްކޮށް ދެއްކުމަށް ހިމަނާފައިވުމާއި، އައު ގާނޫނުގެ ސަބަބުން ކައުންސިލަށް ގެއްލޭ އާމްދަނީގެ ސަބަބުންނެވެ.

އަންނަ އަހަރު ކައުންސިލަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 59 މިލިއަން ރުފިޔާއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މާލީ ގޮތުން ކުރިމަތިކުރާ މިފަދަ ދަތިތަކުގެ ސަބަބުން މިސްކިތްތައް ބެލެހެއްޓުމަށާއި، ފްލެޓުތަކުގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އެގޮތުން ފްލެޓުތަކުގެ މަރާމާތަށް މިއަހަރު 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާއިރު، މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު ލިބެނީ 12،000 ރުފިޔާކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުން ކައުންސިލް އިންތިހާބު ކުރީ ހިދުމަތް ހޯދުމަށް ކަމަށާއި، ސަރުކާރުން ގާނޫނުތައް ބަދަލުކޮށްގެން ހުރަސްއަޅަނީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: