މާލޭގެ މަގުތަކުން ކުރިން ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކާއި ގުޅޭގޮތުން ހާއްސަ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމުގެ މަސައްކަތް، އިތުރަށް ދިރާސާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ އޮޑިޓް ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގަ އެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ހުސައިން ފުރުޝާން ވިދާޅުވީ، މާލޭގެ މަގުތަކުން ޖާގަ ވިއްކި މައްސަލައަކީ ވަރަށް ގިނަ ދުވަސްވީ، އަދި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން 10 ފެބްރުއަރީ 2022 ގައި ޓްރާންސްޕޯޓް މިނިސްޓްރީންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މަގުމަތިން އެގޮތަށް ޖާގަ ނުވިއްކޭނެ ކަމަށް އަންގާފައިވަނިކޮށް، އެ އެންގުންތަކަށް ބެލުމެއްނެތި އެކަން ކުރިއަށް ގެންގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުރުޝާން ވިދާޅުވީ، މާލޭގެ މަގުމަތިން 800 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކާފައިވާކަމަށާއި، މިއީ އެތައް ދުވަހަކުއްސުރެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ބޮޑު މައްސަލައެއް ކަމަށެވެ.
ފުރުޝާން ވިދާޅުވީ މަގުމަތިން ޕާކިން ޖާގަ ނުވިއްކޭނެކަމަށް އެޓާނީ ޖެނެރަލްގެ ލަފާ ލިބިފައިވާއިރު އެ ޖާގަތައް ކެންސަލް ކުރުމަށް އަންގާފައިވާ ކަމަށެވެ. މި މައްސަލައަކީ އާދައިގެ އޮޑިޓަކުން ނިންމާލެވެން ނެތް ކަމެއްކަމަށާއި، މިނިވަން ފަރާތަކާ ހަވާލުކޮށްގެން ފުންކޮށް ބަލާ އިންވެސްޓިގޭޓިވް އޮޑިޓެއް ހަދަން ޖެހޭކަމަށް އޭނާ ހުށަހެޅުއްވިއެވެ.
މަގުތަކުން ޕާކިން ޒޯންތައް އެގޮތަށް ކުއްޔަށް ނުދެވޭނެކަން ފާހަގަކޮށް ފުރުޝާން ވަނީ، 10 ފެބުރުއަރީ 2022 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ސިޓީ ކައުންސިލަށް ލިޔުމުން އަންގާފައިވާކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެލްޖީއޭގެ އިތުރުން އެޓާނީ ޖެނެރަލްގެ ލަފައަކާއި ގުޅިގެން ވެސް މި ޖާގަތައް ބާތިލުކުރުމަށް އަންގާފައިވަނިކޮށް، އޭރުގެ ސިޓީ ކައުންސިލުން އެ އެންގުންތަކަށް ބެލުމެއް ނެތި އެކަން ކުރިއަށް ގެންގޮސްފައިވާކަމަށް ފުރުޝާން ވިދާޅުވި އެވެ.
މި މުއާމަލާތްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަންކަމަށް ބެލެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް މި މައްސަލަ ބަލަންޖެހޭކަމަށް ފުރުޝާން ވިދާޅުވި އެވެ.

