މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ފެނިފައިވާ އެންމެ ނާގާބިލު އަދި ތަނދޮރު ނުދަންނަ ސަރުކާރު ކަމަށާއި، ގައުމުގެ ހުރިހާ ދިމާއަކުން ފެންނަނީ ފެއިލްވަމުންދާ މަންޒަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކުރާ ޖެއްސުންތަކާއި ގެންނަ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން އަބަދު މަޑުން ނުތިބޭނެކަމަށް އަމީރު ވިދާޅުވިއެވެ. ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ކަންކަން ހިނގައިދިޔަ ގޮތުގެ ހާލަތުން މިސާލު ނެގުމަށް ގޮވާލައި އަމީރު ވިދާޅުވީ، ކުއްލިއަކަށް ރައްޔިތުން ކެކިއަރައި ރާއްޖޭގެ ވެރިކަން ވެސް ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ”ފެއިލްޑް ސްޓޭޓަކަށް“ ވުމާ ދިމާއަށް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށްފަހުކަމަށާއި ނަމަވެސް މިއަދު ފެންނަނީ ދޮގުމައްޗަށް ދޮގު ހަދައި، މެނިފެސްޓޯއާ ސީދާ އިދިކޮޅަށް މަސައްކަތް ކުރަމުންދާ ތަންކަމަށް އަމީރު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލީ ބާރުވެރިކަން ދިން ލާމަރުކަޒީ ނިޒާމު، މި ސަރުކާރުން ފުނޑާލަމުންދާކަމަށް އަމީރު ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލައި އަލުން ”ކަތީބުންގެ ޒަމާން“ ގެންނަން މަސައްކަތް ކުރަމުންދާކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި އެހެނިހެން ކައުންސިލަރުންނަށް ޕީޖީ މެދުވެރިކޮށް ދަތިކޮށް ބިރުދައްކަމުންދާތީ، ހުރިހާ ކައުންސިލްތަކުން އެކުގައި ސަރުކާރާ ދެކޮޅަށް ތެދުވަން ޖެހެ އެވެ. އަދި ކައުންސިލްތަކުގެ ހަރަދު ބޮޑުކަމަށް ސަރުކާރުން ބުނި ނަމަވެސް، ސަރުކާރުން ހިންގާ ވައްކަމާއި، ކޮރަޕްޝަނާއި އިސްރާފު ކައުންސިލްތަކަށް ވުރެ މާ ބޮޑުކަމަށް އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވަނީ އެމްޕީއެލް، އެމްޓީސީސީ އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުގައި ތިބި އެމްޑީޕީ މެންބަރުންނަށް ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކޮށް، ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރަމުންދާކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިއީ ހަރަދު ކުޑަކުރަން ކުރުމާއި ގުޅުން ހުރި މަސައްކަތެއް ނޫންކަމަށާއި، އެތައް އާއިލާއެއްގެ ވަޒީފާ ގެއްލުވާލާއިރު، އަނެއްކޮޅުން ބޮޑެތި މުސާރަދީފައި ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކަށް ސަރުކާރަށް ތާއީދުކުރާ މީހުން އިތުރުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 2023 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކު 30 އިންސައްތައާއި 40 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ފަގީރުވެފައިވާކަމަށެވެ. އަދި ކުރިން 10،000 ރުފިޔާއަށް ގަނެވުނު ތަކެތި ގަތުމަށް މިހާރު 20،000 ރުފިޔާ ހަރަދުކުރަން ޖެހިފައިވާކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންގެ ޖީބަށް އަތްބާނައިގެން ފައިސާ ނަގަމުންދާއިރު، މުސާރަތައް ބޮޑުނުވެ، ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު ވިދާޅުވީ މާލިއްޔަތާއި އިގްތިސާދު އެއްކޮށް ފުނޑާލާފައިވާ ކަމަށާއި، ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގެ މިނިވަންކަން އެއްކޮށް ގެއްލިފައިވާ ކަމަށެވެ.
ގަވަނަރު އަހުމަދު މުނައްވަރަށް ފާޑުކިއުން އަމާޒުކުރައްވައި އަމީރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ރައީސް އޮފީހުގައި މިނިސްޓަރުންނާއެކު އިށީނދެ މަނިޓަރީ ޕޮލިސީ ކިޔައިދޭން ނުހުންނަވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ގަވަރުނަރު ވަޒީރުންނާއި އެކު ހުންނެވުމުން ބޭރު ދުނިޔޭގެ އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.

