ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުން އެ ފަރާތްތަކުން ޑަބަލް ޓެކްސް ދައްކަންޖެހޭތީ ރާއްޖެއަށް އަންނަން ބޭނުންނުވާ ކަމަށާއި ސަރުކާރަށް ވާއެއް ނުވާއެއް ނޭނގޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޮފްޝޯ ބުކިން ޕްލެޓްފޯމާތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި އޮވަސީސް ޓްރެވަލް އެޖެންޓުތަކަކީ ރާއްޖޭގައި ތިބޭ ފަރާތްތަކެއް ކަމުގައި ނުވާތީ އެ ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ޓެކްސް ދައްކަންޖެހޭ ގޮތަށް ޖީއެސްޓީގެ ގާނޫނަށް ގެނައި އިސްލާހު މި ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފައެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، މި ސަރުކާރުން ގެންނަ އިގްތިސާދީ ބަދަލުތަކާއި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް އެއްވެސް ފައިދާއެއްނުވާ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ އިގްތިސާދު ފުނޑިގެންދާ މަންޒަރު ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް އަލިއަޅުއްވާލައްވަމުން ދީދީ ވިދާޅުވީ، ޓޫރިޒަމަކީ ރާއްޖެއަށް ”ރަންބިސް އަޅާ ކުކުޅު“ ކަމަށާއި، ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެ ކުކުޅުގެ ބަނޑު ތެރެއިން އަތް ބާނައިގެން ބިސް ނަގަން ކަމަށެވެ.
އެގޮތުން އެ ދާއިރާގެ މެދުވެރިއަކީ ޓްރެވަލް އޭޖެންޓުން ކަމަށް ވާއިރު އެ ފަރާތްތަކާއި އެއްވެސް ވަރެއްގެ މަޝްވަރާކުރުމެއް ނެތި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ބޭރުގެ އެޖެންޓުންގެ ކަންބޮޑުވުންތައް އިންތިހާއަށް އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކުން ދެ ފަހަރު ޓެކްސް ދައްކަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ވިދާޅުވިއެވެ.
”ބޭރުގެ އެޖެންޓުން އައިސް އަޅުގަނޑުމެންނާއި ސުވާލުކުރޭ، ތިމަންނަމެންގެ ގަވާއިދުތަކުގައި އޮންނަނީ ކޮންސިއުމް ކުރާ ޑެސްޓިނޭޝަނުގައި ޓެކްސް ދައްކަންޖެހޭ ގޮތަށޭ ނަމަވެސް މިހާރު އޮތްގޮތުން ޑެސްޓިނޭޝަން ގަންނަ ތަނުންނާއި ކޮންސިއުމް ކުރާ ތަނުންވެސް ޓެކްސް ދައްކަންޖެހޭ. މިއީ ޑަބަލް ޓެކްސް. އެބޭފުޅުން އެބަބުނޭ ޑަބަލް ޓެކްސް ދައްކާފައި ތި ތަނަކަށް ތިމަންނަމެން ނުދާނަމޭ،“ ދީދީ
އޭގެ އިތުރުން، މީރާ ފަދަ އިދާރާތަކާ ގުޅޭނެ ގޮތެއް ނޭނގި، ޓެކްސް ކަނޑައަޅާނެ އުސޫލެއް ސާފުނުވެ، ބޭރުގެ އެޖެންޓުން އުޅެން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދީދީގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މިފަދަ ކަންކަމުން ހާމަވެގެންދަނީ މިއަދު ދިވެހި ސަރުކާރާއި ހަވާލުވެވަޑައިގެން ހުންނެވީ އެއްވެސް ޒިންމާދާރުކަމެއް ނެތް ވާއެއް ނުވާއެއް ނޭނގޭ ވެރިއެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި އަދި ޑޮލަރުގެ ތާށިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ދީދީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި 40 ޕަސެންޓް ޑޮލަރު މާރުކުރާ ގޮތަށް ގަވާއިދު ބަދަލުކުރީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި ސަރުކާރުން މަޝްވަރާނުކޮށް އެބޭފުޅުންގެ ޚިޔާލުތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.
އޭގެ އިތުރުން، ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް 40 އިންސައްތަ މާރުކޮށްގެން ވިޔަފާރި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވާކަމަށާއި ހަޤީގަތުގައި 20 އިންސައްތަވެސް ބޮޑުކަމަށް އެ ފަރާތްތަކުން ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭ ރައީސް މުއިއްޒު މި ގެންނަވާ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން ކުރާ އެއްވެސް ފައިދާއެއް. ދިވެހިރާއްޖޭގެ އިގްތިސާދު ބޮޑުތަނުން ފުނޑިގެން ދާތަން މިފެންނަނީ،“ ދީދީ
ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ކަންބޮޑުވާ ހާލަތަށް ގޮސްފައިވާއިރު 23 ރުފިޔާއަށްވެސް ޑޮލަރެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނަކުން ބިރުދައްކަން ފެށުމުން ޑޮލަރު ވިއްކާ ފަރާތްތަކުން، ތިމަންނާމެން ޑޮލަރު ނުވިއްކާ ކަމަށާއި ތިމަންނާމެން ހަމައެކަނި ޑޮލަރު ގަންނަނީކަމަށް ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހެދިފައިވާ ގާނޫނަކުން ދިވެހި ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
ޖީއެސްޓީގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް ނަމަވެސް އެތެރެވާ ފަތުރުވެރިކަމުގެ ހިދުމަތްދޭ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓްރީވާން ޖެހެއެވެ.
އެކަމާ ގުޅިގެން މަޓާޓޯއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި އެ ބަދަލުގެ ސަބަބުން ބޭރުގެ ބައިވެރިން ރާއްޖެއަށް ވިޔަފާރި ކުރުން މަދުކޮށް، ވާދަވެރި އެހެން މަންޒިލްތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

