ސަރުކާރުން އަޅަމުންދާ ނުރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު ގަންނަން ލިބުން އިންތިހާއަށް ދަތިވެ، މުޅި ޑޮލަރު މާކެޓް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ރައްޔިތުންނަށް ވީވައުދުތައް ނުފުއްދި، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ނުރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަނީ ގޯސް މިސްރާބަކަށް ކަމަށެވެ.
ދީދީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހަފްތާ 14 އާއި، ފުރަތަމަ 100 ދުވަހުން ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެ 229 ވައުދު ލިޔެފައިވާ ބޮޑު ފޮތެއް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ބަހައިގެން ކަމަށެވެ. ނަމަވެސް، ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެއިން އެއްވެސް ކަމެއް ނުވެ، އެ ފޮތް މިއަދު ”ދޮގު ވައުދު ފޮތަކަށް“ ބަދަލުވެފައިވާކަމަށް ދީދީ ވިދާޅުވިއެވެ. އަދި ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކާއި ކަންކަން ހަނދުމަފުޅު ނުހުންނާތީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ޝަރުތު ހަމަވޭތޯ ރައްޔިތުން މިއަދު ސުވާލު އުފައްދަމުންދާކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފަ އެވެ.
ޑޮލަރުގެ މައްސަލައަށް ދީދީ ވިދާޅުވީ، ކެމްޕޭން ދުވަސްވަރު ޑޮލަރުގެ ރޭޓު 16.40 ރުފިޔާގައި ހުރިއިރު، ބްލެކް މާކެޓުގައި އުޅޭ ބިދޭސީން ޑިޕޯޓްކޮށްގެންނާއި ސަރުކާރުގެ ސިޔާސަތުތަކުން ޑޮލަރުގެ އަގު ދަށްކޮށް، ދިވެހި ރުފިޔާ ވަރުގަދަކުރާނެކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ދެ އަހަރު ތެރޭގައި ބްލެކް މާކެޓު ނައްތާލާނެކަމަށް ވިދާޅުވި ނަމަވެސް، މިއަދު ޑޮލަރުގެ އަގު 23 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ދިރާސާކޮށްގެން ރަނގަޅު ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ގާނޫނަކުން ބިރު ދައްކަން ފެށުމުގެ ސަބަބުން އޭގެ ނަތީޖާ މުޅިން އިދިކޮޅަށް ގޮސް މިހާރު މާކެޓު އޮތީ ހަމައެކަނި ޑޮލަރު ގަންނަ ހާލަތުގައިކަމަށް ދީދީ ވިދާޅުވި އެވެ. އަދި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުން ކުރިޔަށް ވުރެ ދަތިވެފައިވާކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިވެރިންނަށް ޑޮލަރުން ލޯނު ނުލިބޭއިރު ބޭރުގެ ބޭންކުތަކުގެ ލޯނުތަކައި ޓެކްސް އަދި ރިސޯޓުތަކުގެ ބިމު ކުލި ފަދަ ހުރިހާ ޕޭމަންޓެއް ދައްކަންޖެހިފައި ވަނީ ޑޮލަރުން ކަމަށެވެ. އަދި އާމްދަނީގެ ބޮޑު ބައެއް ޑޮލަރުން ހަރަދު ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި އިތުރަށް ޑޮލަރު މާރުކުރުމަށް ސަރުކާރުން މަޖުބޫރު ކުރުމަކީ ރާއްޖެއަށް ޑޮލަރު ވަންނަ މައި އިންޑަސްޓްރީ ފަތުރުވެރިކަން އެއްކޮށް ހަލާކުކޮށްލުންކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، ޑޮލަރު މާރުކުރުމުގެ މައްސަލައިގައި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކޮމިޓީގައި 15 ޕަސެންޓަށް އެއްބަސްވި ނަމަވެސް، މަޖިލީހުގެ ތަޅުމަށް އައިއިރު ރައީސް ބޭނުންފުޅުވި ގޮތަށް 20 ޕަސެންޓަށް ބަދަލުކޮށް ގާނޫނުން ބިރުދައްކަން ފެށުމުން، ޑޮލަރު ވިއްކާ މީހުން ޑޮލަރު ނުވިއްކައި ހަމައެކަނި ގަންނަ ހާލަތަށް މާކެޓު ގޯސްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާ މަޝްވަރާނުކޮށް، ޑެސްޓިނޭޝަން ޕްރިންސިޕަލްސްއާއި މުޅިން ހިލާފަށް ޑަބަލް ޓެކްސް ދައްކަންޖެހޭ ގޮތަށް ކަންކަން ނިންމުމުން، ރާއްޖޭގެ އިގްތިސާދުގެ ރަންބިސް އަޅާ ކުކުޅު ފަދަ ޓޫރިޒަމް އިންޑަސްޓްރީ ހަލާކުވަމުންދާކަމަށް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވެފައި ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ބޭންކުތަކުން ޑޮލަރުން ލޯނު ނުލިބޭއިރު، ބޭރުގެ ބޭންކުތަކުގެ ލޯނުތަކާއި، ޓެކުހާއި، ލޭންޑް ރެންޓް ޑޮލަރުން ދައްކަންޖެހޭ ހާލަތުގައި، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ އެ ވިޔަފާރިތައް ފުނޑާލުންކަމަށެވެ.

