ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅަށް ހިމޭން އިންގިލާބެއް ގެނައުމުގެ މަސައްކަތް ފެށިފައިވާކަމަށާއި، ޕީއެންސީގެ މެމްބަރުން ތިބީ އެމަނިކުފާނާއި އެކު ގަދަކޮށްކަމަށް ބުނާ ބަހުގައި އެއްވެސް ބުރަދަނެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި ރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުނަށް ނުފޫޒު ފޯރުވައި ބާރުގެ ދަށުގައި ބެހެއްޓުމުގެ ގޮތުން 50،000 ރުފިޔާ ދެމުންދާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް މެންބަރުންނަކީ ގެންގުޅޭ ބައެއް ނޫންކަމަށާއި، އެ މީހުންނަކީ ގާނޫނުއަސާސީން ބޮޑެތި ބާރުތަކަކާއި އަމާނާތްތަކެއް ހަވާލުކުރެވިފައިވާ ބައެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ސަރުކާރު ރައްޔިތުންގެ މަސްލަހަތުން ކައްސާލައިގެންދާ ހާލަތްތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ކޯޓުން ބޭރުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ އެންމެ ފަހު ބާރު ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން މެންބަރުންނަށް ކުރެވޭނެ ކަމެއް ނެތްކަމަށް ބުނެ އެ މީހުންނާމެދު އިހުސާންތެރި ވެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޑޮލަރު މާރުކުރުމުގެ މައްސަލަތަކާއި ބްލެކް މާކެޓުގެ ދަތިތަކުގެ ސަބަބުން މަޖިލީހުގައި ތިއްބެވި ވިޔަފާރިވެރިންނާއި ސަފާރީ ގެންގުޅޭ މެންބަރުން ސަރުކާރާމެދު ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅިގަދަވެފައިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހުގެ އެތެރޭގައި ސިއްރިޔާތުގައި ބަޣާވާތެއް ނުވަތަ އިންގިލާބެއް ފަދަ ހަރަކާތްތަކެއް ހިނގަމުންދާކަމަށާއި، ދާދި ފަސޭހައިން ހާލަތު ބަދަލުވެގެންދާ މަންޒަރު ފެންނާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

