ބްލޫ ޑްރޭގަންއަކީ އާންމުކޮށް މަހެއްގެ ގޮތުގައި މީހުންނަށް ހީވި ނަމަވެސް ހަގީގަތުގައި ކަނޑުގައި ދިރިއުޅޭ ސީ ސްލަގް ނުވަތަ ފަނީގެ ބާވަތެކެވެ. ސައިޒުގެ ގޮތުން ކުޑަ، އެވްރެޖުކޮށް ގާތްގަނޑަކަށް 3 ސެންޓިމީޓަރު (1.2 އިންޗި) ވަރު ހުންނަ މި ދިރުމަކީ އޭގެ ބައްޓަމާއި ނޫކުލައިގެ ފިޔަތަކެއް ފަދަ ގުނަވަންތަކުގެ ސަބަބުން ކުޑަކުޑަ ޑްރެގަންއަކާ ވައްތަރު ގޮތެއް ހުންނަ އެއްޗެކެވެ.
މި ދިރުމުގެ އެންމެ ހާއްސަ އެއް ސިފައަކީ އޭގެ ހަށިގަނޑުގައި ހުންނަ ވައިކޮތަޅެއްގެ އެހީގައި ކަނޑުގެ ލޮނުގަނޑުގެ މަތީގައި ބަނޑުވަތަށް އޮޔާ ދެމިގެން ދަތުރުކުރުމެވެ. މިގޮތަށް އޮންނައިރު މަތިން ފެންނަން އޮންނަނީ ގަދަ ނޫ އަދި ރިހި ކުލައެކެވެ. މިއީ މަތިން އަންނަ ދޫނިސޫފާސޫފިންނާއި އަދި އަޑިން އަންނަ ޝިކާރަވެރި މަސްމަހާމެއްސަށް މި ދިރުން ފޮރުވައިދިނުމަށް ނުވަތަ ކެމޮފްލާޖް ކުރުމަށް އެހީތެރިވެދޭ ގުދުރަތީ ނިޒާމެކެވެ.
ބްލޫ ޑްރޭގަން އަކީ ކުޑަ އެއްޗެއް ނަމަވެސް މިއީ އިންތިހާއަށް ވިހަގަދަ ދިރުމެކެވެ. މި ދިރުން އަމިއްލައަށް ވިހަ އުފެއްދުމުގެ ބަދަލުގައި، ކާނާގެ ގޮތުގައި ބޭނުންކުރަނީ ކަނޑުގައި އުޅޭ އެންމެ ވިހަގަދަ އެއް ބާވަތް ކަމަށްވާ ”ޕޯޗުގީޒް މޭން-އޮފް-ވޯ“ (ވިހަގަދަ މާބުޅާ/ޖެލީފިޝް) އެވެ. މިގޮތަށް ކާއިރު އޭގެ ވިހަ ކޮތަޅުތައް އަމިއްލަ ހަށިގަނޑުގެ ތެރޭގައި ރައްކާކޮށް، މާބުޅަލަށްވުރެވެސް މާ ގަދަޔަށް އެ ވިހަ ބޭނުންކުރުމުގެ ގާބިލުކަން މީގެ ކިބައިގައި ހުރެއެވެ.
މި ދިރުމުގައި އަތްލައިފިނަމަ ނުވަތަ މީހެއްގެ ގައިގައި ބީހިއްޖެނަމަ އެ ރައްކާކޮށްފައި ހުންނަ ވިހަ ކުއްލިއަކަށް ހަށިގަނޑުގެ ތެރެއަށް ދޫކޮށްލައެވެ. މީގެ ސަބަބުން އިންތިހާއަށް ގަދަޔަށް ދިލަނެގުމާއި، ހަންގަނޑު ރަތްވެ ފޮޅުނެގުމާއި، ހޮޑުލެވުމުގެ އިތުރުން ނޭވާލާން އުނދަގޫވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނިދާނެއެވެ. ބައެއް ހާލަތްތަކުގައި މިއީ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމެކެވެ.
އާންމު ގޮތެއްގައި ބްލޫ ޑްރޭގަން ދިރިއުޅެނީ ހޫނު ކަނޑުތަކުގެ ބޭރުގައެވެ. ނަމަވެސް ގަދަ ވައިގެ ސަބަބުންނާއި މޫސުމީ އޮއިވަރުތަކާއެކު މި ދިރުންތައް ގޮނޑުދޮށްތަކަށާއި ފަޅުތެރެއަށް ލައްގައެވެ. މަރުވެ އެއްގަމަށް ލައްގާފައި އޮންނައިރު ވެސް އޭގެ ވިހަ ނުކެނޑި ގިނައިރު ހުންނާތީ، މިއީ އެއްވެސް ހާލެއްގައި އަތްލައި ހަދަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ.
ކަނޑުގެ ދިރުންތަކާ ބެހޭ މާހިރުން އިރުޝާދު ދެއްވަނީ މޫދަށް އެރިއުޅޭއިރު ނުވަތަ ގޮނޑުދޮށުގައި އުޅޭއިރު މިފަދަ ނޫކުލައިގެ ރީތި ދިރުމެއް ފެނުނު ކަމުގައިވިޔަސް، އޭގައި އަތްނުލުމަށެވެ. އަދި އެފަދަ އެއްޗެއް ގައިގައި ޖެހި ވިހަވެއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރީ އަވަސް ފަރުވާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.


