ތިން މިނިސްޓްރީގައި ރޯވި މައްސަލަގެ އިތުރު މައުލޫމާތު އެންގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަމީނީމަގުގައި ހުންނަ ސަރުކާރުގެ 3 މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި 12 ޑިސެންބަރު 2024 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކަލް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ތިން މިނިސްޓްރީގައި ރޯކުރީ ގަސްދުގައިކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭނެކަމާއި، އަދި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުންނާނެކަމަށް ވިދާޅުވެފައިވާކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ވާހަކަތަކަކީ މި މައްސަލައިގެ ތަހުގީގުގައި މުހިންމު މައުލޫމާތުތަކެއްކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށްޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަންގާ ޗިޓެއް ހަވާލުކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 18:40 ހާއިރު، ފުލުހުން ހ. ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެމަނިކުފާނު އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ޗިޓާ ހަވާލުވެވަޑައިނުގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ލިޔުމުން ޖަވާބެއް ދެއްވާފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެ ލިޔުމުގައި، މި މައްސަލައިގައި އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށާއި، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އެއްވެސް އިތުރު ބޭނުމެއް ނެތްކަމަށް އެންގެވިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުގެ އިތުބާރު ގެއްލޭގޮތަށް ސާބިތުނުހިފޭ މައުލޫމާތު އންމުކުރުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

