ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ސްޕާ، ސެލޫންތައް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށްގެން ހިންގި ޓާސްކް ފޯސް އިންސްޕެކްޝަނެއްގައި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އާންމު ކުރި މައުލޫމާތުގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހުޅުމާލޭގެ 8 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އިންސްޕެކްޝަންގެ ތެރޭގައި އެ ތަންތަނުގައި މަސައްކަތްކުރަމުން ދިޔަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލާފައިވާނެކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ޗެކްކުރެވުނު މީހުންގެ ތެރެއިން ސައްހަ ވިސާއެއް ނެތި އަދި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 107 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.

ވިޔަފާރިތައް ބަންދުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ހިންގުމާއި، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވިޔަފާރިކުރުން ހިމެނެއެވެ. މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކާއި އުޞޫލުތަކާ ޚިލާފަށް ހިންގާ ތަންތަން ވެސް މި އޮޕަރޭޝަންގެ ދަށުން ވަނީ ބަންދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ. މިގޮތުން ވޭތުވެދިޔަ މަސްތަކުގައި ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. ޓާސްކް ފޯހުން ވަނީ މާލެ ސަރަހައްދާއި އެހެނިހެން ރަށްރަށުގައި ބިދޭސީން ދިރިއުޅޭ ތަންތަނާއި، މަސައްކަތްކުރާ ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލްތައް ހަރުދަނާކުރުމާއި، ވަޒީފާއާ ބެހޭ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާކަން ކަށަވަރުކުރުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތްކުރުވާ ފަރާތްތަކާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރާ އިންސްޕެކްޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: