ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓަވަރުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެ އިމާރާތްތަކުގެ ކުޑަދޮރުތައް މާބޮޑަށް ނުހުޅުވޭ ގޮތަށް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމީ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކުގެ އެދުމަށެވެ. އެގޮތުން ކުރިން 55 އިންޗިއަށް ހުޅުވޭ ގޮތަށް ހުރި ކުޑަދޮރުތައް، ދެން ހުޅުވޭނީ 4 އިންޗިއަށްކަމަށާއި، މިކަމަށްޓަކައި ދޮރުތަކުގައި ހާއްސަ ސްޓޮޕާތަކެއް ހަރުކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ދޮރު ހުޅުވޭ މިންވަރު ކުޑަކުރި ނަމަވެސް، އެޕާޓްމަންޓްތަކަށް ވެންޓިލޭޝަންގެ އެއްވެސް ދަތިކަމެއް ނުވާނެކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
އިމާރާތްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައި މިވަނީ، މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގެ ދެ އިމާރާތަކުން ދެ ކުޑަކުދިން ވެއްޓި ހިނގި ހާދިސާތަކާއި އެކު އެވެ.
މި ހާދިސާތަކާ ގުޅިގެން، އެޗްޑީސީން ވެސް ވަނީ ބެލްކަނިތަކުގެ އުސްމިން 1.4 މީޓަރަށް އުސްކޮށްދިނުމާއި، ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން އަދި ގްރިލް ހަރުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ.
މީގެއިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް އިސްކަންދީގެން، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބެލްކަނި އެއްކޮށް ބަންދުކޮށްދިނުމާއި، ކުޑަކުދިންނަށް ނުރައްކާ ނުވާނެހެން ހާއްސަ ލޮކިން ސިސްޓަމްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

