ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި ވެހެމުންދާ ވާރޭގެ ސަބަބުން ހުވަދުއަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.
އެގޮތުން ފުވައްމުލަކުގެ ދަނޑުބިންތަކަށާއި ބައެއް އިމާރާތްތަކަށް ފެނުގެ އަސަރުކޮށް ގެއްލުންތައް ލިބިފައިވާއިރު، އެންމެ ހާލަތު ގޯސްވެފައިވަނީ އައްޑޫ ސިޓީގައެވެ.
އައްޑޫ ސިޓީ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ، ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވުމާ ގުޅިގެން އެ ގޭގައި އުޅޭ މީހުން ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
އެ ގޭގައި ދިރިއުޅޭ 8 މީހުންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ވެސް ހިމެނޭއިރު، އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ކައުންސިލާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ކައުންސިލްތަކާއި ސިފައިން އަދި ފުލުހުން ގުޅިގެން ދަނީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ދެކުނުގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

