ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާގެ އޮފީހުން މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.42 ބިލިއަން ރުފިޔާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14 އިންސައްތައަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަދަދަކީ އޮގަސްޓު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ.

އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ 14 އިންސައްތަ އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު މި ފީ ރިކޯޑްކުރެވިފައެއްނުވެއެވެ. ހަމަމިއާއެކު، ވާކް ޕާމިޓް ފީ ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮގަސްޓް މަހު އިތުރުވެފައެވެ.

އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމުދާއިރާގެ ޖީ.އެސް.ޓީ އާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ބޭންކް އިންކަމް ޓެކްސް އިތުރުވުމެވެ.

އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވާތީއެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އެއްފަހަރާ ލިބިފައިވުމަކީވެސް އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވި އެއް ސަބަބެވެ.

އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީގެ 14.8 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 3.01 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، އޮގަސްޓު 2026 ގައި ވަނީ ޖުމްލަ 497 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 302 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 77 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 105 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 7 މިލިއަން ރުފިޔާ، އެކްޝަން ޕޮލިސީގެ ދަށުން 0.89 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 4.60 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
އޮގަސްޓު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.25 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 490 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 200 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 144 މިލިއަން ރުފިޔާ، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޮގަސްޓު 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: