ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީފާއިން ބައްސާމަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް!

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް : ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ދިން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށްފިއެވެ.

ބައްސާމައަށް އައި ސަސްޕެންޝަނާއި އެކު އެ އިދާރާގެ ކުރީގެ ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރު މުހައްމަދު އަގީލް 10 އަހަރަށް ސަސްޕެންޑްކޮށް، 122،000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. މި މައްސަލައިގައި ފިޔަވަޅު އެޅި އަގީލް މިދިޔަ މާޗު މަހު ތައިލެންޑުގައި ހުއްޓާ ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވާއިރު، އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ފީފާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ހާލަތުގައި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެހީގެ ގޮތުގައި ދޫކުރި ލޯނު ފައިސާ، އަމިއްލަ މަންފާއަށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އެ އިދާރާގެ އެތިކްސް ކޮމިޓީގެ ތަހުގީގަށް ސާބިތުވާކަމަށެވެ.

ބައްސާމްގެ މައްޗަށް ދިވެހި ކޯޓުތަކުން ވެސް ވަނީ ބޮޑެތި ހުކުމްތަކެއް ވަނީ އިއްވާފައެވެ. އެގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ނަގައިގެން އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓެއް ގަތް މައްސަލައިގައި މަނީ ލޯންޑަރިން އަދި ހިޔާނާތުގެ ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމަކާއި 44 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ.

މީގެއިތުރުން އިތުރު މައްސަލަތަކެއްގައި އިއްވި ހުކުމްތަކާއެކު އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އޮތް ނަމަވެސް، ކޯޓުން މިދިޔަ މަހު ވަނީ އޭނާ މުއްދަތެއް ނެތް ގޮތަށް ގޭބަންދަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން 29،000 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާވި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވާއިރު، އެފްއޭއެމްއާ ގުޅޭ އިތުރު ހިޔާނާތުގެ މައްސަލަތައް ވެސް ޝަރީއަތުގައި ދަނީ ހިނގަމުންނެވެ.

2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމަށް އައުމުގެ ކުރިން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރި ބައްސާމްގެ މައްޗަށް ތަހުގީގުތައް ފަށައި ޖޫން މަހު ފީފާއިން ފުރަތަމަ އޭނާ ސަސްޕެންޑްކުރީ 9 މަސް ދުވަހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: