ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީ ވަޢުދާއި ކުރި ހުވާ ބަދަލުކޮށްފި، ދެއްކި ހުވަފެން ބިލާހަކަށް!

"ރަސްމާލެ" ގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަމުގެ ހުންގާނާ ހަވާލުވާ ކޮންމެ ވެރިއަކުވެސް ރައްޔިތުންނަށް ދައްކަވަނީ އުއްމީދީ އަދި ތަރައްޤީގެ ފޮނި ހުވަފެންތަކެކެވެ. ރައްޔިތުންގެ ވޯޓު ހޯއްދެވުމަށްޓަކައި އެތައް ވަޢުދުތަކަކާއި އަހުދުތަކެއް ވެވަޑައިގެން، ވެރިކަމުގެ ހުވާކުރައްވަނީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމަށެވެ. ނަމަވެސް، ވެރިކަމުގެ ދުވަސްތައް ފާއިތުވަމުންދާއިރު، އެ ދެއްކެވި ހުވަފެންތައް ހަޤީޤަތަކަށް ނުވެ، އެއީ ހަމައެކަނި ބިލާހަކަށް ވެގެންދާ މަންޒަރު ފެނުމަކީ ރައްޔިތުންނަށް ލިބޭ ނުހަނު ބޮޑު މާޔޫސްކަމެކެވެ.

މިއަދު ރާއްޖޭގެ ހުންގާނުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި އެކި މަޝްރޫޢުތައް ވަކި ތާރީޚުތަކެއްގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ނަމަވެސް، ވެރިކަމުގެ އަމަލީ މައިދާނުން ފެންނަމުންދަނީ އެ ތާރީޚުތަކާ އެއްގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދާ މަންޒަރެވެ.

ވަޢުދުވީ ދުވަސްވަރު ދެއްކެވި ޖޯޝާއި ފޯރި، ވެރިކަމަށް ވަޑައިގަތުމަށްފަހު ފަނޑުވެ، ރައްޔިތުންނަށް ދެއްވި ޔަޤީންކަން މިހާރު ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ސަރުކާރާމެދު އޮތް އިތުބާރު ކެނޑި، ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ އުފެދެމުންނެވެ.

ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އަސާސީ އެއް ޚިދުމަތަކީ ބޯހިޔާވަހިކަމެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައި، އެންމެ ބޮޑު ވަޢުދެއްގެ ގޮތުގައި ދެއްކެވީ ރަސްމާލެ މަޝްރޫޢާއި ބޯހިޔާވަހިކަމުގެ ބޮޑެތި ވަޢުދުތަކެވެ. ނަމަވެސް، މިއަދު ފެންނަނީ ރަސްމާލެ ފަދަ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް އެއްކޮށް ހުއްޓި، ފަޅުވެފައިވާ މަންޒަރެވެ. ބޯހިޔާވަހިކަމުގެ ދަތިކަމުގައި ދިރިއުޅެމުންދާ އެތައް ހާސް އާއިލާއެއްގެ އުއްމީދުތައް މިވަނީ ވެއްޔާ މޮޑެވި، މާޔޫސްކަމުގެ ތެރެއަށް ގެނބިފައެވެ.

މިއަދުގެ ހަގީގަތަކީ ސަރުކާރުން އެކި ދާއިރާތަކުން ފެށި ގިނަ މަޝްރޫޢުތަކަކީ ހަމައެކަނި ނަމަކަށް އަޅާލި ބިންގާތަކެކެވެ. މީޑިއާތަކުގެ ސަމާލުކަން ހޯދުމަށާއި ސިޔާސީ މަންފާއަށްޓަކައި ބިންގާއެޅުމުގެ ބޮޑެތި ރަސްމިއްޔާތުތައް ބޭއްވި ނަމަވެސް، އެ ބިންގަލުން ފެށިގެން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ. މަސައްކަތުގެ މައިދާނުގައި އެއްވެސް މެޝިނަރީއެއް ނުވަތަ މަސައްކަތްތެރިއެއް ނެތި، ހަމައެކަނި ބިންގަލުގެ ގާބުރި ހުރުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ސިޔާސަތެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ހަޖަމް ކުރަން އުނދަގޫ ވިޔަސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯއާއި، ރައްޔިތުންނަށް ވިއްކި ވަޢުދުތަކާ މިއަދުގެ ސަރުކާރުގެ އަމަލުތައް މުޅިން އިދިކޮޅެވެ.

ދެފުށް ފެންނަ، ނަޒާހަތްތެރި، އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭނެ ކަމަށް ބުނި ސަރުކާރުގެ ފަރާތުން ފެންނަނީ ވަޢުދުތައް ފަހަތަށް ޖައްސައި، އަމިއްލަ އެދުމާއި ސިޔާސީ މަސްލަހަތު އިސްކުރާ މަންޒަރެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު އަދި ރައްޔިތުންނަށް ވެވުނު ބޮޑު ޚިޔާނާތެކެވެ.

ވެރިކަމަށް އައުމަށްޓަކައި ވީ ވަޢުދުތަކާއި ކުރި ހުވާތައް ހަނދާން ނައްތާލައި، ރައްޔިތުންނަށް ދެއްކި ހުވަފެންތައް މިއަދު މިވަނީ ހަމައެކަނި ބިލާހަކަށް ވެފައެވެ. މަޝްރޫޢުތައް ހުއްޓި، ބޯހިޔާވަހިކަމުގެ އުއްމީދުތައް ގެއްލި، ބިންގާތައް ގަލަކަށްވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އެދަނީ މެނިފެސްޓޯއާ އިދިކޮޅަށް މިސްރާބު ޖަހަމުންނެވެ. ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނީ ވެވަޑައިގެންނެވި ވަޢުދުތަކަށް އިޙްތިރާމްކޮށް، އަމަލީ ގޮތުން ނަތީޖާ ދައްކައިގެންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: